ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، ކާމިޔާބު ދެ ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަސްޕެންޑް ކުރީ ބަދަލުހިފުމުގެ ގޮތުން ކަމަށާއި އެކަމުގެ އަސަރު ފުޓްބޯޅައަށް ކުރި ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ދަރަނީގެ މައްސަލަތަކާ ހެދި ކަމަށް ބުނެ، ނިއު ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުއެވެ. ރާއްޖޭގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށްވެސް ދޭންޖެހޭ މުސާރަ ނުދީ އޮތުމުން، އެ ކްލަބުގެ މައްސަލަތައް އޭރު ފީފާގައިވެސް އޮތެވެ. އަނެއްކޮޅުން 2019/2020 ވަނަ އަހަރު ލީގު މެޗުތަކަށްވެސް ވިކްޓްރީއަށް ރަނގަޅަށް ހާޒިރު ވެވިފައެއް ނުވެއެވެ. އޭގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުލިބިގެން އެ މީހުން ހުށަހަޅާފައިވާ މައްސަލަތައްވެސް އޮތެވެ. އެއާއެކު ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީއާވެސް އެކު، ވިކްޓްރީ ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެ ދެ ކްލަބުގެ އިތުރުންވެސް އޭރު ފުރަތަމަ ޑިވިޝަންގައި އޮތް ކްލަބުތަކަށް ރަނގަޅު މުސާރަ ނުދެވިގެން އުޅެނިކޮށް، އެ ދެ ކްލަބު ސަސްޕެންޑް ކުރީ އޭރުގެ އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަކިކުރުމަށް ސޮއި ހަމަކޮށް ހުށަހަޅަން އުޅެނިކޮށެވެ. އެހެންކަމުން އެ މައްސަލައިގައި ގިނަ ބައެއްގެ ނަޒަރުގައި ދެ ކްލަބު ސަސްޕެންޑް ކުރީ ޒާތީ ވެގެންނެވެ.

"ސަރުކާރުތަކުން ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްތަކެއް ކުރޭ. އެއީ ވަކި އެމްޑީޕީ/ ޕީޕީއެމް ނޫނީ ޑީއާރުޕީއެއް އެހެން ކިޔާނެއް ކަމެއް. ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރިހާ ސަރުކާރުތަކުންވެސް މަސައްކަތް ކުރޭ. ފުޓްބޯޅައަށް މިދިޔަ ފަސް ހަ އަހަރު ދިމާވި މައްސަލަތަކަށް ބަލާއިރު އަޅުގަނޑަށް ވިސްނެނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކެއް އިހުމާލެ މީގެ ތެރެއަށް ވަދެފައިވާކަން. އިހުމާލުވުމުގެ އިތުރުން މިދިޔަ ސަރުކާރުގެ ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ނެންގެވި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބު ސަސްޕެންޑް ވެގެން ދިޔައީ ބަދަލުހިފުމުގެ ގޮތުން ނިންމާފައިވާ ނިންމުމަކުން. ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ކްލަބް ނިއުއާއި ވިކްޓަރީ ސަސްޕެންޑް ވެގެން ދިއުމުގެ އަސަރު ފުޓްބޯޅައަށް ނުކުރޭކޭ ނުބުނެވޭނެ،" ޓޮމް މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ އެ ދެ ކްލަބު ސަސްޕެންޑް ކުރީ މިހާރު ހިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި ދައުވާ އުފުލައި، ފީފާ އިން ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައި ހުރި ބައްސާމް މަގާމުން ބޭރުކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އޭރު ހުރި ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފު ކޮޅު ބަދަލުކޮށްލި ކަމަށްވެސް ތޯރިގު މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

"މިނިސްޓަރު ވިދާޅުވީ ދެން ތަޅާތެޅުން ނިމުނީއޭ. ހަނގުރާމަ ނުކުތީއޭ. ހަނގުރާމައަށް ނުކުތް ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ނިއުއާއި ވިކްޓަރީ ސަސްޕެންޑް ކޮށްފަ ފުޓްބޯޅައިގެ ހަރަކާތުން ދުއްވާލީ. ދެން އޭގެ ފަހުން ފުޓްބޯޅައިގެ ހާލަތު ދިޔައީ އާންމުން ތެރޭގައި ނުދެއްކޭހާ ގޯސްކޮށް. ފީފާއާއި އޭއެފްސީގެ ބާރާއި ސަރުކާރުގެ ބާރާ އެކުވެގެން ފުޓްބޯޅަ ދިޔައީ ދިޔަ ތަނަކަށް. ހޯދާ ބަލާލިއިރު ޕޮލިހާއި ޕީޖީ އޮފީހުން ފުޓްބޯޅަ ފެންނަން އޮތީ،" ޓޮމް ވިދާޅުވިއެވެ.

ޓޮމް މިއަދު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުޅުންތެރިން ކުރާ ބުރަ މަސައްކަތުންނާއި ކުޅިވަރު ޖަމިއްޔާތައް އަދި އެސޯސިއޭޝަންތަކުން ކުރާ މަސައްކަތުން ރާއްޖޭގެ ކުޅިވަރު އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންދިޔަ ނަމަވެސް ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލައިގެ ހިޔަނި ރާއްޖޭގެ ކުޅިވަރަށް ޖުމުލަކޮށް އެޅިފައިވާ ކަމަށެވެ.

އެގޮތުން ފުޓްބޯޅައަށް ދިމާވި ހާލަތަކީ ބައެއްގެ މަގުސަދު ގޯސްވެ، އިހުލާސްތެރިކަން ގެއްލުމުން ދިމާވި މައްސަލައެއް ކަމަށާއި އެ ކަންކަން ހައްލުކުރަން ބަލާއިރު، އެފްއޭއެމްއަށް އަންނަ ބައެއްގެ ހިތް ނިޔަތް ރަނގަޅު ވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމް ނޯމަލައިޒްވުމުގެ ކުރިން ބާއްވަން މަސައްކަތް ކުރި އެފްއޭއެމްގެ އިންތިހާބަށް ބައްސާމްއާ ވާދަކުރައްވަން ޓޮމް ވަނީ ކުރިމަތިލައްވައިފައެވެ. އެ ފަހަރަ ވެލެންސިއާގެ ތާއީދު ސިޓީ މައްސަލަ ހޫނުވެ، އެ އިންތިހާބު ހުއްޓުމަކަށް އައިސްފައިވާއިރު، އެފްއޭއެމް ނޯމަލައިޒް ކުރުމަށް ފީފާއާއި އޭއެފްސީ ކިބައިވެސް ޓޮމް ވަނީ ކުރިން އެދިފައެވެ.