ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީން ސްޕޮޓްސް ކްލަބުން ކުޅުނު މެޗުގައި ގައްދޫ ރެކްރިއޭޝަން ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިކްޓްރީން ގައްދޫ ކައިރިން ކުރި ހޯދީ، 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ވިކްޓްރީން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި އެޓީމު ބަލިވެފައެއް ނުވެއެވެ. ވިކްޓްރީއަށް މިހާތަނަށް ޕޮއިންޓް ގެއްލުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން އެކަންޏެވެ. އެމެޗު އެއްވަރުވި އިރު، ވިކްޓްރީ މިވަގުތު އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ.

ދެވަނައިގައި އޮތް އީގަލްސްއިން އަދި މިހާތަނަށް ކުޅެފައި ވަނީ ހަތަރު މެޗެވެ. އެޓީމަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ.

ސައުތު ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ގައްދުއަށް މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ވިކްޓްރީން ގޯލް ޖެހިއެވެ. މެޗުގެ 16 ވަނަ މިނެޓުގައި އޭރިއާ ރޮނގުކައިރިން ވިކްޓަރީގެ އަހުމަދު ހަސަން (އައްމަޑޭ) ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގައްދޫގެ ސާބިއާ ކީޕަރު، ބޯޖާން ވުކްމިރޯވިޗް އަތުގައި ޖެހިފައެވެ.

ހާފު ނިމުމުގެ ކުރިން ވިކްޓަރީން ވަނީ ދެވަނަ ގޯލެއްވެސް ޖަހައިފައެވެ. އެގޯލް ޖެހީ އަހުމަދު މާއިޝް ރަޝީދެވެ. މާއިޝް އެ ގޯލް ޖެހީ މެޗުގެ 40 ވަނަ މިނިޓުގައެވެ. އެއީ އަލީ ޝާމިސް (ތޮއްޕެ) ނަގައިދިން ހުރަހެއްގައި އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައެއްގައި އޭނާ ކާމިޔާބު ކޮށްދިން ގޯލެެކެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި ވިކްޓަރީން ވަނީ ރާއްޖޭ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ކުޅެން ނެރެފައެވެ. މިއީ ދެ އަހަރަށްފަހު އަކޫ ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ ބޮޑެތި މައްސަލަތަކެއްގައި އަކޫއަށް މިދިޔަ ދެތިން ސީޒަނެއްގައި އުނދަގޫތަކާ ދިމާވެފައިވާ އިރު، އޭނާ އެންމެ ފަހުން ކުޅުނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދެވަނަަ ޑިވިޝަނުގައި ވިކްޓަރީން ކުޅުނު މެޗެއްގައެވެ.

އަކޫ ކަކުލުގެ ސާޖަރީތަކެއް ކޮށްފައިވާ އިރު، އޭނާއަކީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ޓީމުގެ ކެޕްޓަނެވެ.