ހުޅުމާލެ ވިނަރެސް ފްލެޓް ކައިރިން މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު މީގެއްގެ ގައިގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލައިގައި، ދައުވާކޮށްފައިވާ މ. ލޭންޑްއޮފްގާޑަންގެ އިބްރާހީމް އިކްރާމް ދައުވާތަކަށް އިއުތިރާފުވެއްޖެއެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކާރު ދުއްވަން އިން މ. ލޭންޑްއޮފްގާޑަންގެ އިބްރާހީމް އިކްރާމާއި ކާރުގައި ދެން ތިބި ދެ މީހުން ކަމަށްވާ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހުމާން އާއި ގއ.ކަނޑުހުޅުދޫ/އާޒާދުގެ ޖިނާހު އިސްމާއީލްގެ މައްޗަށެވެ.
ކާރު ދުއްވަން އިން އިކްރާމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދެ ދައުވާއަކާއި އެކްސިޑެންޓްވުމުން އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހާމަކުރުމުގެ އަމުރަކަށް އެދިފައެވެ. ދިފާއުން އެކަމަށް އިންކާރުކޮށްފައިނުވާތީ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދެއްވައިފައެވެ.
އެއަށްފަހު ކުރިއަށް ގެންދިޔައީ ދައުވާ އިއްވުމާއި ދައުވާ ރައްދުވާ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާއެވެ. ދައުލަތުން އިބްރާހިމް އިކްރާމްގެ މައްޗަށް ދައުވާތައް އިއްވައި ނިންމުމުން، އޭނާގެ ދިފާއީ ވަކީލް ޒާހިދު ވިދާޅުވީ ދައުވާތަކަށް ޖަވާބުދާރީވުމުގެ ކުރިން، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމަކަށް ދިޔުމަށް ނިންމައި އެކަމުގެ މަޝްވަރާތައް ދައުލަތާ އެކު ކުރަމުންދާ ކަމަށެވެ. އަދި ދައުލަތާ އެކު އެކަމުގައި ބައްދަލުވުމެއް ވެސް ބާއްވައިފައިވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ފާތިމަތު މީޝާ ވިދާޅުވީ އިބްރާހިމް އިކްރާމްގެ ފަރާތުން ވަނީ އިއުތިރާފުގެ އެއްބަސްވުމަކަށް ދިޔުމަށް އެދި ހުށަހަޅައިފައި ކަމަށާއި ނަމަވެސް އަދި އެކަމާ މެދު ގޮތެއް ނިންމައިފައިނުވާ ކަމަށެވެ. ދެން އޮންނަ ޝަރީއަތަކަށް އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް މީޝާ ވިދާޅުވިއެވެ.
ދައުލަތުން އެކަން ފާހަގަކުރުމުން ގާޒީ ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމަކަށް ހުށަހަޅައިފައިވީ ނަމަވެސް ދައުވާ އިއްވުމުގެ ކަންކަމާއި ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ދައުވާތައް އިއުތިރާފުވަންތޯ ގާޒީ އިކްރާމް އިބްރާހިމް ކައިރީގައި އެއްސެވުމުން އޭނާ ވިދާޅުވީ ދައުވާތަކަށް އިއުތިރާފުވާ ކަމަށެވެ. އެހެންވެ، ގާޒީ ވަނީ އިއުތިރާފުގެ ސައްހަކަން ކަނޑައަޅައި، އަވަސް ނިޔާގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ޖިނާހުގެ މައްޗަށް އުފުލާފައި ވަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެކެވެ.
ދައުލަތުން ޖިނާހުގެ މައްޗަށް ދައުވާ އިއްވައި ނިމުމުން، ޒާހިދު ވިދާޅުވީ އެ ދައުވާތަކަށް ޖިނާހު އިންކާރުކުރާ ކަމަށެވެ.
މި މައްސަލައިގައި ދެން ހިމެނޭ އިކްރާމުއްރަހުމާންގެ މައްޗަށް ދައުަލަތުން ކޮށްފައި ވަނީ އެކްސިޑެންޓް ވުމުން، އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެވެ.
ދައުލަތުން އެ ދައުވާތައް އިއްވައި ނިމުމުން އިކްރާމްރަހުމާންގެ ވަކީލު މަރިޔަމް ނާޒްލީން ވިދާޅުވީ ދައުވާގައި ހުރި ބައެއް ކަންކަން ސާފުކުރަން ބޭނުންވާ ކަމަށެވެ. ނާޒްލީން ވިދާޅުވީ އިކްރާމްރަހުމާންގެ މައްޗަށް މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ކާރު ދުއްވި އިބްރާހިމް އިކްރާމުގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮތްކަން ކަށަވަރުނުކޮށް ކާރު ދުއްވަން ދީފައިވާތީ ކަމަށެވެ.
މަރިޔަމް ވިދާޅުވީ، އިބްރާހިމް އިކްރާމްގެ އަތުގައި ލައިސަންސް އޮތްކަން ކަށަވަރު ކުރަންޖެހޭ ގާނޫނީއަސާސީ ކޮބައިތޯއެވެ.
މަރިޔަމް ވިދާޅުވީ އެކްސިޑެންޓް ވުމުން، އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވާ އިރު، އަނިޔާވި ފަރާތަކަށް އެހީނުވުމުގެ ގޮތުން އިކްރާމްރަހުމާންގެ ފަރާތުން ކޮށްފައިވާ ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި މަރިޔަމް ވަނީ އެކްސިޑެންޓްވުމުން ރިޕޯޓް ކުރަންޖެހޭ ވަކި ގޮތެއް އޮންނަތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލުތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ ލައިސަންސް އޮތްކަން ކޮންމެހެން ކަށަވަރުކުރަން ނުޖެހޭ ކަމަށެވެ. ދައުލަތުން ދައުވާގައި އެކަން ހިމަނައިފައި ވަނީ މި މައްސަލައިގައި ހިމެނޭ ތިން މީހުންނަކީ ވެސް އެކީގައި އުޅޭ ބަޔަކަށްވުމުން އިބްރާހިމް އިކްރާމްގެ އަތުގައި ލައިސަންސް ނޯންނާނެކަން އެނގޭނެތީ ކަމަށެވެ. އަދި އިބްރާހިމް އިކްރާމް ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރު މިނުގައި 70 ކިލޯމީޓަރުގައި ކާރު ދުއްވި އިރު، ކާރުގެ ސްޕީޑު ދަށްކުރަން އިކްރާމްރަހުމާން އެދިފައިނުވާ ކަމަށެވެ. ބާ
ރު ސްޕީޑުގައި ކާރު ދުއްވައިފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓި މަގުގައި އެއް ފަރާތުގައި ހުރު ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަހުމަދު ނަބާންއަށް އަނިޔާވުމުން، އޭނާއަށް އެއްވެސް ވަރަކަށް އެހީތެރިނުވެ އިކްރާމްރަހުމާން ސީނުން ގޮސްފައިވާ ކަމަށެވެ. އަދި އަނިޔާވި ފަރާތް ހޮސްޕިޓަލަށް ގެންދިޔުމަށް ވެސް އެމްބިއުލާންސަށް އެރުވުމަށް ވެސް އިކްރާމްރަހުމާންގެ އިތުރުން ދެން ދައުވާ ލިބޭ މީހުން އެހީވެފައިނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުވުމުން ދައުވާ ލިބޭ ތިން މީހުން ކަމާބެހޭ އެއްވެސް ފަރާތަކަށް ރިޕޯޓް ކޮށްފައިނުވާ ކަމަށާއި އެކަން މި މައްސަލައިގެ ހެކިތަނުން ވެސް އެނގޭ ކަމަށެވެ. އެކްސިޑެންޓް ރިޕޯޓްކުރުމުގެ ބަދަލުގައި އަދި އަނިޔާވި މީހާއަށް އެހީވުމުގެ ބަދަލުގައި އެތިން މީހުން ސީނުން ގޮސްފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެކްސިޑެންޓް ރިޕޯޓް ކުރަން ވަކި ގޮތެއް ނޯންނަ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު