އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ސައުތުހެމްޓަން ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން އިޕްސްވިޗް ޓައުންއާ އެއްވަރުވެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ސައުތުހެމްޓަންގެ ދަނޑުގައި މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ތަފާތަކަށްވީ މުހައްމަދު ސަލާހެވެ. އޭނާގެ ދެ ގޯލުން މޮޅުވެ، ލިވަޕޫލް ވަނީ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެއީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިހަފުތާ ކުޅުނު މެޗުންވެސް ބަލިވެފައި އޮތުމުންނެވެ.

ލިވަޕޫލުން މިހާތަނަށް ކުޅުނު 12 މެޗުން 31 ޕޮއިންޓް ހޯދާފައިވާއިރު، ފޯމު ކަޓާފައި އޮތް ސިޓީ ދެވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ޗެލްސީ، 12 މެޗުން 22 ޕޮއިންޓާއެކު އޮތް އިރު، އާސެނަލްވެސް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށެވެ. އެޓީމު ހަތަރު ވަނައިގައި އޮތީ ޖެހި ގޯލުގެ ގޮތުން ޗެލްސީއަށްވުރެ ފަހަތުގައި އޮތުމުންނެވެ.

ލިވަޕޫލަށް ރޭ ސައުތުހެމްޓަން ކައިރިން އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ސައުތުހެމްޓަން އަށް މެޗު ގެއްލެން ދިމާވި އެންމެ ބޮޑު ސަބަބަކީ އަމިއްލަ ގޯސްތައް ގިނަވުމެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގީވެސް ސައުތުހެމްޓަން ފަހަތުން ޖެހި ޕާހެއްގެ ސީދާ ޑޮމިނިކް ޒޮބޮސްލާއީ ފަޔަށް ލިބުމުންނެވެ. ޒިބޮސްލާއީ އެ ބޯޅަ ނިންމާލީ ސީދާ ގޯލުގެ ކަނަށެވެ.

ލީގުގެ ފުލުގައި އޮތް ސައުތުހެމްޓަން އެ ހިސާބުން ދުލެއް ނުދެއެވެ. ހާފު ނިމުމުގެ ކުރިން އެއްވަރު ކުރިއެވެ. އެއީ ޕެނަލްޓީ އަކުންނެވެ. ވާޖިލް ވެން ޑައިކްގެ ގޯހެއް ރިކަވާކުރަން އެންޑީ ރޮބަޓްސަން، ޓެއިލާ ޑިބިލިން އަށް ކުރި ފައުލަށް ދިން ޕެނަލްޓީގައި އެޑަމް އާމްސްޓްރޯންގެ ފޮނުވާލި ފުރަތަމަ ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރު ކާއޮއިމްހިން ކެލެހާ މަތަކުރިއެވެ. ނަމަވެސް ރީބައުންސްގައި އާމްސްޓްރޯންގެ އެ ބޯޅަ ގޯލަށް ވައްދާލިއެވެ.

ދެވަނަ ހާފަށް ނުކުމެ، މަތެއަސް ފެނާންޑޭޒްގެ ގޯލުން ސައުތުހެމްޓަން ލީޑު ނެގި ނަމަވެސް، 65 ވަނަ މިނެޓުގައި ސައުތުހެމްޓަން ކީޕަރު ހެދި ގޯހެއްގެ ބޭނުން ހިފައި ސަލާހް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ސަލާހް، ލިވަޕޫލް މޮޅުކޮށްދިން ގޯލު މެޗު ނިމެން ހަތް މިނެޓަށް ވެފައި އޮއްވާ ޖެހީ ޕެނަލްޓީ އަކުންނެވެ.

ރޭ ޔުނައިޓެޑުން ރަށުން ބޭރުގައި އިޕްސްވިޗާ އެއްވަރުވީ 1-1 އިންނެވެ. ރޭގެ މެޗަކީ އެ ޓީމާ އަލަށް ހަވާލުވި ކޯޗު ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 81 ވަނަ ސިކުންތުގައި މާކަސް ރަޝްފޯޑް ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް، އިޕްސްވިޗުން ވަނީ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފައެވެ. އެއީ އޮމާރީ ހަޗިންސަންގެ ގޯލުންނެވެ.

ޔުނައިޓެޑަށް މެޗުގައި އުނދަގޫ ވަގުތުތަކެއް ދިޔައެވެ. ލިއާން ޑެލަޕްގެ ނުރައްކާތެރި ދެ ހަމަލާއެއް ކީޕަރު އަންދްރޭ އޮނާނާ މަތަކުރި އިރު، ޔުނައިޓެޑުން ފަހު ވަގުތު ހިލޭ ޖެހުމެއްގައި ނުރައްކާ ކުރިއެވެ. ނަމަވެސް ބްރޫނޯ ފެނާންޑޭޒް ޖެހި ހިލޭ ޖެހުން ދިޔައީ ބޭރަށެވެ.