އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައި ހުރި ހއ. ހޯރަފުށި/ އަންދަލީބުގެ، ހާޝިމް އަބޫބަކުރު މިނިވަން ކުރި ވާހަކަ މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް އިން ދޮގުކޮށްފިއެވެ.

ނޮވެމްބަރު 22، 2022 ގައި 12 އަހަރަށް ޖަލަށްލާފައި ހުރި ހާޝިމް މިނިވަން ކުރި ކަމަށް ބުނެ ފަތުރާ ވާހަކަ ދޮގުކޮށް ކަރެކްޝަންސް އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހާޝިމަކީ 2022 ވަނަ އަހަރުން ފެށިގެން އުނަގަނޑުގެ މައްސަލައެއް ހުރުމުގެ ސަބަބުން ވޭން ތަހައްމަލުކުރަމުންދާ މީހެއް ކަމަށެވެ.

އަދި އޭނާގެ ފަރުވާއަށް ބޭނުންވާ ސާޖަރީއަކީ ރާއްޖެއިން ކުރެވެން ނެތް ސާޖަރީއަކަށްވުމުން ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ ސާޖަރީ ހެދުމަށް ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ މިއަހަރުގެ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ދީފައިވާނެ ކަމަށާއި ފަރުވާއަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ މާލެ އައިސްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަނުން ބުނީ ހާޝިމަށް ބޭނުންވާ ފަރުވާ އޭނާ ޖަލުގައި ބަހައްޓައިގެން ނުދެވޭނެ ކަމަށް ޑޮކްޓަރުން ލަފާދޭތީ، އޭނާ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގޭ ބަންދުގައި ހުރި ނަމަވެސް އޭނާ މޮނިޓާކޮށް ބަލަހައްޓަމުންދާ ކަމަށް ބުންޏެވެ.