އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަލީމަތު ލަމްހާ، ބަންދުން ދޫކޮށްލަން މިމަހުގެ 12 ގައި ކުރިމިނަލް ކޯޓުން އަމުރުކުރުމުން، އެ އަމުރު އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.
ދައުލަތުގެ ފަރާތުން އެ އިސްތިއުނާފީ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިމަހުގެ 14 ގައެވެ. ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމަވައިފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ރަޖިސްޓްްރާގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ކުރިމިނަލް ކޯޓުގެ އެ އަމުރުގެ ތެރެއަށް އިސްތިއުނާފީ ކޯޓެއްގެ ހައިސިއްޔަތުން ހައި ކޯޓުން ވަންނަންޖެހޭ ސަބަބެއް އިސްތިއުނާފީ މައްސަލައިގައި ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މަރުގެ މައްސަލައާ ގުޅިގެން ލަމްހާ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ލަމްހާގެ ފަރާތުން ވަނީ އޭނާ ބަންދުން ދޫކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައެވެ. ކުރިމިނަލް ކޯޓުން ވަނީ ލަމްހާ އެދުނު ގޮތަށް ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް 2023 ނޮވެމްބަރު 23 ގައި އަމުރުކޮށްފައެވެ. ޝަރުތުކުރި ކަންކަމުގެ ތެރޭގައި ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތައް ހިމެނެއެވެ. ލަމްހާ ދޫކޮށްލާފައިވަނީ، ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށްދިނުމަށް އޭނާ އެދިފައިވަނިކޮށެވެ.
ލަމްހާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގައި ދައުލަތުން އެދުނީ ލަމްހާ އަލުން ބަންދުކޮށްދިނުމަށެވެ. ހައި ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ލަމްހާ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ހައި ކޯޓުން އެ އަމުރު ކޮށްފައިވަނީ 2023 ޑިސެމްބަރު 20 ގައެވެ.
ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ލަމްހާ ބަންދުގައި ކޮށްފައި ހުއްޓައި އޭނާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 29 ގައި ބަންދު މުރާޖާ ކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.
މިމަހުގެ 12 ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ލަމްހާ ބަންދުން ދޫކޮށްލުމަށް ގާޒީ އަމުރުކުރެއްވީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
ލަމްހާ ބަންދުން ދޫކޮށްލީ އެކަމާ ގުޅިގެން ޝަރީއަތުން ކަނޑައެޅި ޝަރުތުތަކާ އޭނާ އެއްބަސްވުމުންނެވެ. އެ ޝަރުތުތަކަކީ ގޭބަންދުގައި ހުންނަ މުއްދަތުގައި ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި ގެއިން ބޭރަށް ދާއިރު ފުލުހުންގެ ހުއްދަ ހޯދުމަށެވެ. އަދި ވަނީ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ގާނޫނާހިލާފު ކަމެއް ނުކުރުމަށާއި ކުރަން ނޫޅުމުގެ އިތުރުން ކޯޓަށް ހާޒިރުވާން އެންގުމުން އެ ގަޑިއަކަށް ކޯޓަށް ހާޒިރުވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު