ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އިސްލާހާ ގުޅިގެން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރު ސަޕޯޓަރުން މަޖިލިސް ދޮށަށް އެއްވެ އަޑު އުފުލަން ފަށައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ސަޕޯޓަރުން މަޖިލިސް ކައިރިއަށް އެއްވީ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އިސްލާހަށް ތާއީދު ކުރުމުގެ ގޮތުންނެވެ. އެމްޑީޕީގެ ސަޕޯޓަރުން މަޖިލިސް ކައިރިއަށް އެއްވެ އަޑުއުފުލަމުން ދަނީ އެ އިސްލާހު ފާސްކުރުމާ ދެކޮޅަށެވެ.

އެމްޑީޕީ އާއި ސަރުކާރުގެ ސަޕޯޓަރުން މަޖިލިސް ކައިރިއަށް އެއްވެ ވަނީ އެއް ޕާޓީން އަނެއް ޕާޓީއަށް ބަހުގެ ހަމަލާތައް ވެސް ދީފައެވެ. އެހެންވެ އެއްވުމުން ވަނީ ކޮންމެވެސް ވަރަކަށް ހޫނުވެ ހަމަނުޖެހުންތަކެއް ހިނގައިފައެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުނު ބައެއް ފުލުހުންނަށް އަނިޔާވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ގަތުމަކީ ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު، އެންޓި ޑިފެކްޝަންގެ ގާނޫނަށް މިދިޔަ 19 ވަނަ މަޖިލީހުގައިވެސް އެ ބަދަލު ވަނީ ގެނެސްފައެވެ.

އެ ގާނޫނުގައި ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ހަތް ދުވަސް ތެރޭގައި ޕާޓީން އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭނެއެވެ.

ނަމަވެސް އިސްތިއުފާ ނުދީފި ނަމަ ދެން ވާނެގޮތެއް އެ ގާނޫނުގައި ބުނެފައެއް ނުވެއެވެ. އެ މައްސަލަ މިހާރު ވަނީ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅައިފައެވެ.

މި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، ބައެއް އިސްލާހުތަކާ އެކު ކޮމިޓީން ވަނީ އެ ބިލް ފާސްކޮށްފައެވެ. އަދި އެ ބިލް މަޖިލީހުން ފާސްކުރަން މިއަދު ހަވީރު 5:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލިސް ރައީސް އަބުދުލްރަހީމް އަބުދުﷲ ނިންމަވައިފިއެވެ.