ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން އެންގި އިރު، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް 25 ޑިސެންބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ވަނީ ނިންމާފައިވެއެވެ.

ނަމަވެސް ރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ވިދާޅުވީ ހައި ކޯޓުގެ އެ އެންގުމަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ހިލާފަށް އެންގި އެންގުމެއް ކަމަށެވެ. ގާނޫނުއަސާސީގެ އެ މާއްދާއަކީ ކޯޓުތަކުގެ އިހުތިސޯސް ބަޔާންކުރާ މާއްދާއެވެ.

  • (ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ.
  • (ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ގާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ގާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތައާރުޒުވާ ކަމެއް ނޫނެވެ.
  • (ނ) ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވެއެވެ.
  • (ރ) މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ.

ޝަފީއު ވިދާޅުވީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތުން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށެވެ. ނަމަވެސް ޔާމީންގެ މައްސަލައިގައި ހައި ކޯޓުން އެގޮތަށް އަމަލުކޮށްފައިނުވާ ކަަމަށެވެ. އެކަމާ ދައުލަތުން ހަވާލާދެއްވީ ސުޕްރީމް ކޯޓުން ނިންމައިފައިވާ ގަޒިއްޔާއެއް ކަމަށްވާ އަލީ ޒުބައިރު ވ. ދައުލަތް (ޕްރޮސިކިއުޓާ ޖެނެރަލް) އެވެ.

ޝަފީއު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި އެ ގަޒިއްޔާގައިވާ ގޮތުން މައްސަލަތަކުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާނަމަ އަދި އެފަދަ ހާލަތްތަކުގައި އިޖުރާއީ އައިބުތައް ފުރިހަމަކުރުމުގެ ފުރުސަތު ނުވަތަ އިސްލާހު ކުރުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ. ޔާމީންގެ މައްސަލަ ވެސް މައިގަނޑު ގޮތެއްގައި ބިނާވެފައި މިވަނީ އިޖުރާއީ އައިބެއްގެ މައްޗަށް ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައިގައި އިޖުރާއީ އައިބެއް އޮތީ އާ ހެކިތައް ހުށަހެޅުމާ ގުޅޭގޮތުން ކަމަށާއި އެކަމާ ގުޅިގެން ހަސްމުން ކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމަށް ފުރުސަތުދީ، ޝަރީއަތުގައި ވާހަކަދައްކައި، އާ ހެކި ބަލައިގަތުމާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. އަދި ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޔާމީންގެ ޝަރީއަތުގައި އެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

ދައުލަތުން ހުށަހަޅައިފައިވަނީ ދައުލަތުގައި ކުރިން ހުރި ހެކިތަކެއް ނޫން ކަމަށާއި އެއީ އާ ހެކިތަކެއް ކަމަށް ޝަފީއު ވިދާޅުވިއެވެ. އާ ހެކިތައް ޝަރީއަތަށް ހުށަހެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ހައި ކޯޓުން ކަނޑައަޅައިފައިނުވާ ކަމަށެވެ. އާ ހެކިތައް ޝަރީއަތަށް ހުށަހެޅުމުގައި އަދި ޝަރީއަތުން ބަލައިގަންނަންޖެހޭ ހަމަތަކެއްވާކަން ދައުލަތުން ވެސް ގަބޫލުކުރާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ދައުލަތުގެ ވާހަކަތަަކަށް ރައްދުދެއްވަން ލިބުނު ފުރުސަތުގައި ޔާމީންގެ ދިފާއީ ވަކީލް ހަމްޒާ ލަތީފު ވިދާޅުވީ އާ ހެކިތައް ޝަރީއަތަށް ހުށަހެޅުމަކީ ގާނޫނާހިލާފު ކަމެއް ކަމަށް ނުވިޔަސް އިޖުރާއަތްތަކުގެ ބޭރުން އާ ހެކި ހުށަހަޅައިފިނަމަ، އެ ހެކިތަކަކީ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށެވެ. އެގޮތަށް މީގެ ކުރިން މައްސަލަތައް ނިންމައިފައިވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ މި މައްސަލައިގައި ދައުލަތުން އާ ހެކިތައް ހުށަހަޅައިފައިވަނީ ދިފާއުގެ ފަރާތުން ހުށަހެޅި ހެއްކަކު ދިން ހެކިބަހުގައި ހުރި ވާހަކަތަކާ ގުޅިގެން، އެކަމާ ދެކޮޅަށް ކަމަށެވެ. ގާނޫނުއަސާސީގައި އަދި ޖިނާއީ އިޖުރާއަތުގައިވާ ގޮތުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި އެއީ ރާއްޖޭގެ އަދުލު ނިޒާމު ދަންނަ ގޮތެއް ނޫން ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ނަމަވެސް ޝަފީއު ވިދާޅުވީ ޝަރީއަތަށް ދައުލަތުން އާ ހެކި ހުށަހަޅަނީ ދިފާއުން ހުށަހެޅި ހެކިވެރިޔާގެ ހެކިބަހުގައި ހަމަނުޖެހޭ ވާހަކަތައް ހުރުމުން، އެކަން އިތުރަށް ބެލިބެލުމުގައި ކަންތައްތަކެއް ފާހަގަވުމުން ކަމަށެވެ. އެކަމާ ގުޅޭ ލިޔުންތަކެއް ރައީސް އޮފީހުންނާއި ޑިފެންސް މިނިސްޓްރީން ލިބިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހަމްޒާ ވިދާޅުވީ ދައުލަތުން ހެކިބަހަކާ ގުޅިގެން އާ ހެކިތަކެއް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންގޮސްފިނަމަ، ދިފާއުގެ ހައްގުތަކަށް ގެއްލުންވާނެ ކަމަށެވެ. އެގޮތަށް ގެއްލިގެންދާ ހައްގުތަކަކީ ފަސޭހަކަމާ އެކު އަލުން އިޔާދަ ކުރެވޭނެ ހައްގުތަކެއް ނޫން ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ ޝަރީއަތަށް އާ ހެކިތައް ހުށަހެޅޭނެ ހާލަތްތައް އެބަހުރި ކަމަށެވެ. އެގޮތުން އަލަށް ހުށަހަޅާ ހެއްކަކީ ކުރިން ހޯދުމުގެ ނުވަތަ ލިބިގަތުމުގެ ފުރުސަތު ނެތް ހެއްކެއް ކަމަށްވުމާއި އެ ހެކީގެ ސަބަބުން ސީދާ މައްސަލައަށް އަސަރު ކުރާނެ ހެއްކަކަށްވުން ކަމަށެވެ.

ޔާމީންގެ ގާނޫނީ ޓީމުގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޖިނާއީ މައްސަލަތަކަކީ ދައުލަތަކަށާއި ދިފާއަށް ވެސް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދަންޖެހޭ މައްސަލަތަކެއް ކަމަށެވެ. އެއީ ދުނިޔޭގެ އެހެން ޑިމޮކްރަޓިކް ގައުމުތަކުގައި ވެސް އެކަން ހިނގާ ގޮތް ކަމަށެވެ.

ޖަމީލު ވިދާޅުވީ ރާއްޖޭގައި ހިނގާ ޖިނާއީ މައްސަލަތަކުގައި ދައުލަތަށް އަބަދުވެސް "ސުޕީރިއޮރިޓީ" ފަދަ ކަމެއް އޮންނަ ކަމަށެވެ. އެއީ ދައުލަތުގައި މައްސަލައާ ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުރުން ކަމަށާއި އަދި ދައުލަތުން ހޯދަން ބޭނުންވާ ލިޔުންތަކާއި ހެކިތައް ހޯދުމަށް އޮންނަ ފަސޭހަތައް ދިފާއަށް ނޯންނާ ކަމަަށެވެ. މި މައްސަލައިގައި ވެސް ދައުލަތުން ހުށަހަޅައިފައިވަނީ ކުރިން ހޯދެން ހުރި ހެކިތަކެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ ހައި ކޯޓުގެ ނިންމުމަކީ ގާނޫނުއަސާސިއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދީ އާ ހެކިތަކާ ގުޅޭގޮތުން ބަހުސް ކުރުމުގެ ފުރުސަތު ދަށު ކޯޓުގައި ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ޔާމީންގެ ފަރާތުން އެދިވަޑައިގެންފައިވަނީ ހައި ކޯޓުގެ ނިންމުން ދަމަހައްޓައި ދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުުގައި ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫންއެވެ.

މިއަދުގެ ޝަރީއަތް ނިންމައިލައްވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ ގާނޫނުގައިވާ ގޮތުންް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހަކީ ސުޕްރީމް ކޯޓުން ރިސެސްއަށް ދާންޖެހޭ މަސް ކަމަށެވެ. މި އަހަރުގެ ކުރިއަށް ދެން އޮތީ ޑިސެމްބަރު މަސް ކަމަށްވުމުން ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރެއިގައި ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.