ޔޫއެފާ ނޭޝަންސް ލީގުގެ އޭ ޑިވިޝަނުގެ ގްރޫޕް ތިނެެއްގައި ރޭ ޖަރުމަނާއި ނެދަލޭންޑްސްއިން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ނެދަލޭންޑްސްއިން ރޭ އަމިއްލަ ގައުމުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އަދި ޖަރުމަނުން ރޭ ކުޅުނު މެޗުގައި އަމިއްލަ ގައުމުގައި ބޮސްނިއާ ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ޓީމަކުން ނޭޝަންސް ލީގުގައި ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.

ޖަރުމަނުން ގްރޫޕް ތިނެއްގެ އެއްވަނަ ޔަގީންކުރީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ނެދަލޭންޑްސްއިން ދެވަނައިގައި ފަސް މެޗުން 8 ޕޮއިންޓާއެކު އޮތް އިރު، ހަންގޭރީ ތިންވަނައިގައި އޮތީ ފަސް މެޗުން ފަސް ޕޮއިންޓާއެކުގައެވެ.

ހަންގޭރީއަށް ފަހު މެޗުން މޮޅުވެ ނެދަލޭންޑްސްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކުރެވެން އޮތް ނަމަވެސް، ނޭޝަންސް ލީގުގެ އުސޫލު އޮންނަ ގޮތުން އެންމެ ފުރަތަމަ ދެން ބަލާނީ ހެޑް ޓު ހެޑް ނަތީޖާއަށެވެ. އެ ނަތީޖާއިން ނެދަލޭންޑްސްއަށް ކުރި ލިބޭނެއެވެ. އެ ގްރޫޕްގެ ފުލުގައި އޮތީ ބޮސްނިއާ އެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް ނޭޝަންސް ލީގުގެ ކުއާޓާއަށް ދަތުރު ކޮށްފައި އޮތް ޖަރުމަނަށް ފުރަތަމަ ގޯލު ޖެހީ ޖަމާލް މުސީއާލާއެވެ. އޭގެފަހުން ޓިމް ކްލެއިންޑިއެންސްޓް ޖެހި ގޯލުން 23 ވަނަ މިނެޓުގައި ޖަރުމަނުން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، ފުރަތަމަ ހާފުގައި ދެން ގޯލު ޖެހީ ކައި ހަވާޓްސްއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ފްލޯރިއަން ވާޓްޒް އިތުރު ދެ ގޯލު ޖެހި އިރު، ޖަރުމަނުގެ އަނެއް ގޯލުތައް ޖެހީ ލެރޮއީ ސާނޭއާއު ދެވަނަ ގޯލު ޖެހީ ކްލެއިންޑިއެންސްޓެވެ.

ނެދަލޭންޑްއިން ހަންގޭރީއާ ވާދަކުރި މެޗުގެ ހަތްވަނަ މިނެޓުގައި މެޗު ވަނީ މެދުކަނޑާލަން ޖެހިފައެވެ. އެއީ ހަންގޭރީގެ އެސިސްޓެންޓް ކޯޗު އެޑަމް ޒަލާއީއަށް ކުއްލި ފަރުވާ ދޭން ޖެހިގެންނެވެ. އޭނާ ފިޓް ޖެހުނު ކަމަށް ގިނަ ބަޔަކު ބުނެފައިވާ އިރު، މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މެޗު މެދުކަނޑާލާ އަލުން ފެށީ ދެޓީމުންވެސް އެއްބަސްވެގެންނެވެ. ފެށުމާއެކު ނެދަލޭންޑްސްއިން ޑޮމިނޭޓްކޮށް ކުޅެފައިވެއެވެ. ނެދަލޭންޑްސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލަކީ ޕެނަލްޓީން ޖެހި ގޯލުތަކެވެ. އެގޮތުން ވޯޓް ވެގޯސްޓާއި ކޯޑީ ގަކްޕޯ ޕެނަލްޓީގައި އެޓީމަށް ގޯލުތައް ޖަހައިދިން އިރު، އަނެއް ގޯލުތައް ރޭ ޖެހީ ޓެއުން ކޫޕްމައިނާސްއާއި ޑެންޒެލް ޑަމްފްރީސްއެވެ.