ރާއްޖެއާއި ބަންގްލަދޭޝްއިން މިއަދު ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްއިން ރާއްޖެ ބަލިކޮށްފިއެވެ.

މިއަދުގެ މެޗަކީ މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ބަޝުންދަރާ ކިންގްސް އެރީނާގައި ބަންގްލަދޭޝް ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ބަންގްލަދޭޝް ފަސްގަނޑުގައި ރާއްޖެއިން އެޓީމު ބަލިކުރި ފުރަތަމަ މެޗެވެ.

މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި އެކުވެރިކަމުގެ މެޗުތަކަށް ރާއްޖެއިން ނުކުތީ އަހަރެއްހާ ދުވަސް ފަހުންނެވެ. މިދިޔަ ސީޒަނުން ފެށިގެން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ލީގު މެޗެއްވެސް ކުޅެފައި ނުވާ އިރު، މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނުގައި ހިމެނުނު ކުޅުންތެރިން ފިޔަވާ ދެން ތިބި ކުޅުންތެރިން މެޗުތަކަށް ނުކުތީ މާގިނަ ދުވަސްތަކެއް ވަންދެން ތަމްރީނު ކޮށްފައެއް ނޫނެވެ.

މިއަދު ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅުނު މެޗުގައި ފަހުވަގުތު ގޯލު ޖަހައިގެން ބަންގްލަދޭޝްއިން ރާއްޖެ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މާގިނަ ހަމަލާތަކެއް މެޗުގެ ފުރަތަމަ 20 މިނެޓުގައި ފެނިގެން ގޮސްފައި ނުވާ އިރު، ރާއްޖެއިން ވަނީ 23 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ.

ބަންގްލަދޭޝްގެ ފަހަތުން ކުރިއަށް ދުއްވާލަން މަސައްކަތް ކުރި ބޯޅަ ރާއްޖޭގެ މެދުތެރެއިން ހޯދައިގެން އަރިމަތިން ދުއްވާލި ބޯޅަ، ހައިޝަމް ހަސަން (ބިޑި) މެދުތެރެއިން ދުއްވާލި ބޯޅަ ނިންމާލީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭއަކީ މިފަހަރުގެ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައިވެސް ގޯލު ޖެހި ކުޅުންތެރިޔާއެވެ.

އޭރިއާ ތެރެއިން ސެންޓޭ ގޯލަށް ބޯޅަ ވައްދާލީ ބަންގްލަދޭޝްގެ އެއް ނަމްބަރު ޑިފެންޑަރު ޓޮޕޫ ބާމަން ކައިރިން ނައްޓާލައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ވަގުތުގައި ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެގޯލަކީ އޭރިއާ ތެރެއިން ހިތްގައިމު ނައްޓާލުމަކާއެކު މުޖީބުއްރަހުމާން ޖޮނީ ޖެހި ގޯލެކެވެ. އޭނާ ކައިރިއަށް ދިޔަ ޑިފެންޑަރު ނައްޓާލާފައި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅިގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެން ދިޔައެވެ. ސޮހެލް ރަނާގެ ބާރު ހަމަލާއެއް ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް މަތަކުރި އިރު، އަނެއްކޮޅުން ރާއްޖޭގެ އަހުމަދު (ރިޒޭ) އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު މިތުލް މާމާއާ ދިމާލަށެވެ.

އަދި އޭގެފަހުން މެޗުގެ 59 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައިގައި ސެންޓޭ ފޮނުވާލި ބޯޅަވެސް މާބޮޑަށް މަތިން ބޭރަށް ދިޔަ އިރު، ފަހު ކޮޅަށް ގޮސް ދެޓީމުންވެސް ވަނީ ބޮޑަށް ޑިފެންސަށް ސަމާލުކަން ދޭން ވިސްނައިފައެވެ. އެހެން ނަމަވެސް ކައުންޓާ ފުރުސަތުތަކުގައި ދެޓީމުންވެސް ނުރައްކާ ކުރިއެވެ.

ބަންގްލަދޭޝްއިން މެޗު ނިމެން ދަނިކޮށް، 85 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖެހުމާ ކައިރިއަށްވެސް ޖެހިލިއެވެ. ރަކީބް ހުސައިން މެދުތެރެއިން ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް އަތުގައި ޖެހިފައި ނުކުމުން އެމްޑީ ޕިއާޝް އަހްމެޑް ނޯވާއަށް ހުސްކޮށް ލިބުނު ނަމަވެސް، އޭނާއަށް ރަނގަޅަށް ރީބައުންސް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

އޭގެފަހުން 88 ވަނަ މިނެޓުގައި ހިލޭ ޖެހުމެއްގައި ޓޮޕޫ ކުރިއަށް ނުކުމެ ފޮނުވާލި ބޯޅަވެސް ދިޔައީ އަރިމަތިން ބޭރަށެވެ. ބަންގްލަދޭޝްއިން މެޗުގައި ފަހަތުން އަރައި ލީޑު ނެގީ އިތުރު ވަގުތުގެ ތެރޭގައެވެ. އެޓީމުގެ ގޯލު ޖެހީ ޕަޕޯން ސިންހެވެ. އަރިމަތިން ހުރަސް ވެގެން ދިޔަ ބޯޅަ، އޭނާ ގޯލު ތެރެއަށް ވައްދާލީ މުޅިން ހުސްކޮށް އޮވެގެން ފޮނުވާލި ހަމަލާއިންނެވެ.