މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކަށް ފީފާއިން ގެނައި ބަދަލަކީ އެންމެ އެކަށީގެންވާ ބަދަލެއް ނޫން ކަމަށާއި އެއީ ގޯހެއް ކަމަށް ބައެއް ތަޖުރިބާކާރު ކޯޗުން ބުނެފިއެވެ.

މި ސީޒަނުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކަކީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން މި ހިނގާ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހަށް ދެމިގެންދާ ބްރޭކެކެވެ. ކޮންމެ ގައުމަކަށް ވެސް ހަތަރު މެޗު ކުޅުމަށް ފީފާއިން ފުރުސަތު ދީފައި ވަނީ އާންމުކޮށް އޮކްޓޯބަރު މަހު އަންނަ އިންޓަނޭޝަނަލް ބްރޭކާއި ސެޕްޓެމްބަރު ބްރޭކް އެއްކޮށްލާފައި އޮތުމުންނެވެ.

މީގެ ކުރިން އާންމުކޮށް ފީފާ އިންޓަނޭޝަނަލް ބްރޭކްތައް ތާވަލުކޮށްފައި ވަނީ މާޗު، ޖޫން، ސެޕްޓެމްބަރުގެ އިތުރުން އޮކްޓޯބަރާއި ނޮވެމްބަރަށެވެ. އޭރު ފަސް ބްރޭކް ދިން ނަމަވެސް މިފަހަރު އޮކްޓޯބަރު މަހު ބްރޭކާއެކު ސެޕްޓެމްބަރު މަހު ބްރޭކަށް ފީފާއިން ވަނީ 16 ދުވަސް ހަމަޖައްސައިފައެވެ.

އެގޮތަށް ހަމަޖައްސަން ފީފާއިން ނިންމާފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕް ދިގުލައިގެން ގޮސް، ޖުލައި 19 ވަނަ ދުވަހު ފައިނަލް ކުޅެން ޖެހުމާއެކުގައެވެ.

ފީފާއިން މިހާރު ނިންމާފައި ވަނީ ކުރިއަށް އޮތް ހަތަރު ސީޒަނުގައިވެސް ސެޕްޓެމްބަރާއި އޮކްޓޯބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކް އެއްކޮށްލުމަށެވެ.

އެކަމުގައި ބައެއް ކޯޗުންގެ ކަންބޮޑުވުންތައް ހުރި އިރު، ޖަރުމަނާ އަލަށް ހަވާލުވި ކޯޗު ޔާގަން ކްލޮޕް ވަނީ 44 ކުޅުންތެރިން ހަތަރު މެޗަށް ނަގައިފައެވެ. އެއީ ކޮންމެ ދެ މެޗެއްގައި ވަކި ސްކޮޑެއް ބޭނުން ކުރުމަށެވެ.

"ކުޅުންތެރިންގެ ތަމްރީނުތަކަށްވެސް ގައުމީ ޓީމާއި ކްލަބުގައި އެބަ ބަދަލުތަކެއް އާދޭ. އެހެން އެހާ ގިނަ ދުވަހަށް ބަދަލު އައިމަ، އަނިޔާގެ ފުރުސަތު ބޮޑުވާނެ. މިހާރު އޮތް ގޮތަކީ އަނިޔާވުމުގެ ރިސްކް ވަރަށް ބޮޑު ގޮތެއް،" އިންގްލެންޑް ކޯޗު ތޯމަސް ޓުޗެލް ބުންޏެވެ.

ސްޕެއިން ކޯޗު ލުއިސް ޑެ ލަ ފުއެންޓޭވެސް ވަނީ އާ ފޯމެޓް ގަޔާ ނުވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ ކުރީގެ ފޯމެޓް މާ ރަނގަޅު ކަމަށާއި، އެއީ ކުޅުންތެރިންނަށްވެސް މާ ލުއި ގޮތެއް ކަމަށެވެ.

މިހާރު އޮތް އާ އިންޓަނޭޝަނަލް ބްރޭކް ފޯމެޓަށް ދެން ފާޑުކީ އަނެއް ކޯޗަކީ ކުރިން ސްޕެއިނަށް ކުޅުނު، މިހާރު ނެދަލޭންޑްސްގެ ކޯޗުކަމުގައި ހުރި ޒަވީ ހެނާންޑޭޒްއެވެ.

"މިހާރު މިއޮތް ޝެޑިއުލަކީ ކަމުދާ ޝެޑިއުލެއް ނޫން. ގައުމީ ޓީމުތަކަށްވެސް އަދި ކްލަބުތަކަށްވެސް މީގެން ފައިދާއެއް ނުކުރާނެ. ކުޅުންތެރިން އެހާ ގިނަ ދުވަހު ރިލީސްކޮށްފައި ބައިތިއްބަން ކްލަބުތަކަށްވެސް އުނދަގޫވާނެ. އަދި މިހާރު އަނިޔާވެއް ގިނަވާނެ،" މި ބްރޭކްގެ ކުރިއަށް، ވޯލްޑް ކަޕް ފަހުން ނެދަލޭންޑްސްއާ ހަވާލުވި ޒަވީ ބުންޏެވެ.

ޒަވީ ބުނީ ގައުމީ ޓީމާއެކު ދަތުރުކޮށް، ޓްރެއިންކޮށް، ހަތަރު މެޗު 11 ވަރަކަށް ދުވަހުން ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންކަމުން މި ޝެޑިއުލް މާ ބުރަބޮޑު ކަމަށް ޒަވީ ފާހަގަކުރިއެވެ.