މިހާރު އުމުރުން 42 އަހަރުގެ ސުނިލް ޗެތުރީ، ކެރިއަރުގެ އެންމެ ފޯމުގައި ހުރި ދުވަސްވަރު ޔޫރަޕުން ލިބުނު ފުރުސަތުގައި ކެތްކޮށްލިނަމަ، ޔޫރަޕްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެވުނީސް ކަމަށް އުރުގުއާއީގެ ކޯޗު ޑިއޭގޯ ފޯލާން ބުނެފިއެވެ.

އިންޑިއާގެ ލެޖެންޑަރީ ސްޓްރައިކާ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކުރިން އިއުލާނުކުރީ 2024 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު މާޗު މަހު ތެރޭގައި ޝިލޯންގްގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި އިންޑިއާއިން ރާއްޖެ ވާދަކުރި އެކުވެރިކަމުގެ މެޗަށް ޗެތުރީ އެނބުރި ގައުމީ ޓީމަށް ނުކުތެވެ. އެމެޗުން އިންޑިއާ މޮޅުވީ ޗެތުރީވެސް ގޯލް ޖަހައިގެންނެވެ.

އޭގެފަހުން ޗެތުރީ ގައުމީ ޓީމަށް ކުޅެފައިނުވާ އިރު، މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކަކީ އިންޑިއާ ފުޓުބޯޅައަށް ތާރީހީ އިންޓަނޭޝަނަލް ބްރޭކެކެވެ. އެގައުމުން މިހާތަނަށްވެސް ޕެނަމާ އާއި ބްރެޒިލާ ދެކޮޅަށް ކުޅެފައިވާ އިރު، ދެން އޮތީ އުރުގުއާއީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެމެޗަށް ނުކުންނަ އިރު، އުރުގުއާއީގެ ކޯޗަކަށް މިހާރު ހުރީ އެގައުމުގެ ލެޖެންޑް، ފޯލާންއެވެ. ފޯލާނަކީ ޔޫރަޕްގައި ވިދާލި ފޯވަޑެކެވެ. އަދި ކެރިއަރުގެ ފަހުކޮޅުގައި އޭނާ އިންޑިއާގެ މުމްބާއީ ސިޓީ އެފްސީއަށް ކުޅެފައިވެއެވެ. އެއީ މީގެ ތިން އަހަރު ކުރިންނެވެ.

"އަހަންނަށް އެނގޭ އިންޑިއާގެ ފުޓުބޯޅަ. އިންޑިއާގެ ފުޓުބޯޅައަކީ ބޮޑު ތާރީހެއް އޮތް އެއްޗެއް ނޫން. އެކަމަކުވެސް ރަނގަޅު ޓީމެއް އެބައޮތް. އިންޑިއާއަށް މިހާރު ޖެހޭނީ ކެތްތެރިވާން. އަހަރެން ނުބުނަސް އޭޝިއަން ކަޕް ކުއްލިއަކަށް ހޯދަން ޖެހޭކޭ. ސަޕޯޓަރުން ޖެހޭނީ މިހާރު އޮތް ޓީމަށް ވަގުތު ދީގެން ވިސްނައިގެން އެކުގައި ކުރިއަށްދާން،" ފޯލާން ބުންޏެވެ.

ފޯލާން ވަނީ އިންޑިއާގައި ޗެތުރީއާއެކު ކުޅެފައެވެ. ކުރިން 2012 ވަނަ އަހަރު ސްޕޯޓިން ލިސްބަންގެ ބީ ޓީމަށްވެސް ކުޅުނު ޗެތުރީ މިހާރު ގައުމީ ޓީމުގައި ނެތް ނަމަވެސް، ފޯލާން ވަނީ އޭނާގެ ނަން ފާހަގަކޮށްފައެވެ.

"ޗެތުރީއަކީ އިންޑިއާއިން ފެނުނު އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ. ޔޫރަޕަށް ގޮސްފައި ޗެތުރީ މާ އަވަހަށް އެނބުރި އައީ. އެއީ ރަނގަޅަށް ސްޕޯޓިންއިން ފުރުސަތުވެސް ނުލިބެނީސް. މަޑުކޮށްލިނަމަ އެހެން ޓީމުތަކަށްވެސް ކުޅެވޭނެ ކުޅުންތެރިއެއް ޗެތުރީއަކީ،" ފޯލާން ފާހަގަކުރިއެވެ.

ޗެތުރީ ވަނީ ސްޕޯޓިންއަށް ކުޅުމަށް މަސައްކަތް ކުރުމުގެ އިތުރުން އެމެރިކާގެ ކެންސަސް ސިޓީ ވިޒާޑްސްއާއެކު ޓީމުގައި މަސައްކަތްތަކެއް ކޮށްފައެވެ. އެއީ އަދި މާކުރިން 2010 ވަނަ އަހަރުއެވެ. ޗެތުރީ އިންޑިއާ ގައުމީ ޓީމަށް 157 މެޗުން 95 ގޯލް ޖަހައިދީފައިވާ އިރު، އޭނާއަކީ ގައުމީ ޓީމުގެ ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ.