އިންޑިއާއާއިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި، 5-0 އިން އިންޑިއާ ބަލިވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްވެސް ކުރިއަށް ދަނިކޮށް އިންޑިއާ ސީނިއާ ޓީމުން ނިއު ޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު ހަމަޖައްސާފައިވާ އިރު، އެ މެޗުތައް ކުޅެމުން ދަނީ ނިއު ޒީލެންޑްގައެވެ. މިދިޔަ ވޯލްޑް ކަޕްގައިވެސް ވާދަކުރި ނިއު ޒީލެންޑާ ދެކޮޅަށް އިންޑިއާއިން އެކުވެރިކަމުގެ މެޗުތައް ކުޅެމުންދާ އިރު، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން ދަނީ ދެވަނަ ދަރަޖައިގެ ސްކޮޑެކެވެ.

ސާފް ޗެމްޕިއަންޝިޕަށް ފުރަތަމަ ގެނައި ޓީމުގެ ބައެއް ކުޅުންތެރިން ސީނިއާ ޓީމުގައިވެސް ހިމަނާފައިވާ އިރު، އެ ކުޅުންތެރިން މިހާރު ކުޅެމުން ދަނީ ސީނިއާ ޓީމަށެވެ. މިއަދު ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ނިއު ޒީލެންޑްގެ ފުރަތަމަ ގޯލަކީ ސާފް ޗެމްޕިއަންޝިޕްގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ކެޕްޓަންކަން ކުރި ޑިފެންޑަރު ބިޖޯއީ ވާގޭޝް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ހާފު ނިމުމުގެ ކުރިން ނިއު ޒީލެންޑުން ދެ ގޯލް ޖަހާފައިވާ އިރު، އެ ގޯލްތައް ޖެހީ ޖެސޭ ރެންޑަލްއެވެ. އެއީ ސްކޮޓްލެންޑްގެ ފުރަތަމަ ޑިވިޝަނުގެ ޑަންޑީ ޔުނައިޓެޑަށް ކުޅެމުންދާ ފޯވަޑެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ނޮޓިންހަމް ފޮރެސްޓްގެ ކްރިސް ވުޑް ނިއު ޒީލެންޑަށް ހަތަރު ގޯލެއް ޖަހައިދިން އިރު، އެޓީމުގެ ފަސްވަނަ ގޯލް ޖެހޫ ލަޗްލަން ބައިލިސްއެވެ.

މިއަދުގެ މެޗު އޯކްލޭންޑްގެ ގޯ މީޑިއާ ސްޓޭޑިއަމްގައި ކުޅެފައިވާ އިރު، އިންޑިއާއާއި ދެން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުއެވެ. އެމެޗު އޮންނާނީ ކްރައިސްޓް ޗާޗުގައެވެ.

އިންޑިއާއިން ދާދިފަހުން އެގައުމުގައި ޕެނަމާއާއި ބްރެޒިލް އަދި އުރުގުއާއީއާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗުތައް ކުޅެފައިވެއެވެ. އޭގެ ތެރެއިން ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކުރި އިރު، އަނެއް ދެމެޗުންވީ ބައްޔެވެ. އެ ގައުމުތަކަށް މެޗުތައް ކުޅެން އިންޑިއާއިން މި ދޭން އެއްބަސްވި ފައިސާގެ ކަންކަން އަދި ނިންމާފައިނުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެއީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރަށް ވުރެން އިތުރު އަދަދެއް ކަމަށް ބައެއް ނޫސްތައް ބުނެއެވެ.