ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މާކެންޓައިލް އިންޓަ އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފިއެވެ.

މިފަހަރުގެ އިންޓަ އޮފީސް-ކޮމްޕެނީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމުލަ ހަތަރު ޓީމަކުން ވާދަކުރިއެވެ. އެއީ ޕޮލިހާއި ވެމްކޯގެ އިތުރުން އިމިގްރޭޝަންސް އަދި އެސްޓީއޯ އެވެ. ހުރިހާ މެޗެއްވެސް ހުޅުމާލޭގެ އެޗްޑީސީ އައުޓްޑޯ ވޮލީ ކޯޓުގައި ކުޅެފައިވާ އިރު، ވެމްކޯއާ ދެކޮޅަށް ފައިނަލުގައި ނުކުތީ ލީގު ބުރުގެ އެއްވަނަ ހޯދި ޕޮލިހެވެ.

މިއަހަރުގެ ވީއޭއެމް ކަޕާއި ގައުމީ ލީގުވެސް ކްލަބު ވެމްކޯއިން ކާމިޔާބުކުރީ ޕޮލިސް ކްލަބާ ވާދަކޮށެވެ. އިންޓަ އޮފީސް-ކޮމްޕެނީ މުބާރާތުގެ ލީގު ބުރުގައި މިފަހަރު ވެމްކޯއިން ޕޮލިސް އަތުން ބަލިވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި ވެމްކޯއިން ވަނީ 3-1 ސެޓުން ޕޮލިސް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން 25-17 އިން ގެންދިޔަ ނަމަވެސް ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ތަފާތު މޮޅު ކުޅުމަކާއެކު ވެމްކޯއިން މެޗު އަނބުރާލިއެވެ. ވެމްކޯއިން ތަޖުރިބާގެ ބޭނުންކޮށް، ދެން ޖެހިގެން ކުޅުނު ތިން ސެޓު ގެންދިޔައީ 25-17، 25-21 އަދި 25-21 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެމްކޯގެ ސެޓަރު ޖޫޒާން ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މާޖިދާއެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.

  • ބެސްޓް އައުޓްސައިޑް އެޓޭކަރު - އައިޝަތު މާޖިދާ (ވެމްކޯ)
  • ބެސްޓް އައުޓްސައިޑް އެޓޭކަރު - ހައްވާ ރާޝިދާ (ޕޮލިސް)
  • ބެސްޓް މިޑްލް ބްލޮކަރު - ނަރީމާ އިދުރީސް (އިމިގްރޭޝަން)
  • ބެސްޓް މިޑްލް ބްލޮކަރު - މަރިޔަމް އަޒުމާ (ޕޮލިސް)
  • ބެސްޓް އޮޕޮސިޓް ޕްލޭޔަރު - އައިމިނަތު އަރީޝާ (ޕޮލިސް)
  • ބެސްޓް ސެޓަރު - ފާތިމަތު ޖޫޒާން ޒަރީރު (ވެމްކޯ)
  • ބެސްޓް ލިބަރޯ - ނުހާ ވަހީދު (ވެމްކޯ)