ތަނަވަސްކަން ނެތް ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައި، އެ ރައްޔިތުންނަށް ފައިދާއެއްވާން ބޭނުންނުވާ ސިޔާސީ ލީޑަރުން ކުރިޔަތް އޮތް ތަނުގައި ރައްޔިތުންނަށް ސާފުކޮށް ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން ކުރިޔަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެގެން ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިންސާފުވެރިކަމާ އެކު ހުރިހާ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ކަމަށެވެ.
"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފުވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!،" ރައީސް ވިދާޅުވިއެވެ.
ރައީސް އެގޮތަށް ވިދާޅުވެފައިވާ އިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" ގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިންތަކުން ވަނީ ބުނެފައެވެ.
އެ ކުންފުނިތަކުގެ ތެރެއިގައި ޔުނިވާސަލް އެންޓަޕްރައިސަސް އަދި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހިމެނެއެވެ.
ޔުނިވާސަލް އެންޓަޕްރައިސަސްއިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގައެވެ. އެއީ ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، އަދި ދިގަލި މޯލްޑިވްސްއެވެ.
ނަމަވެސް އެމްއެމްއޭއިން ރޭ ބުނެފައިވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި އޮޕަރޭޓްކުރާ 174 ރިސޯޓުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވައި، އެހެން ހުރިހާ ރިސޯޓަކުން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. ރަޖިސްޓަރީ ނުކުރާ ރިސޯޓުގެ ނަމެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެ ގަވާއިދުގައިވާ ގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު