މިނިވަން މުވައްސަސާތައް ކަމަށްވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައެއް މެންބަރުން ވަކިކުރަން ހުށަހެޅި މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި، މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ. އޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން ހާޒިރުކޮށްގެން މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުންވެސް ވަނީ ސިއްރު ކޮށްފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ، އެމްއެމްސީގެ މެންބަރުންނާ ގޮޅޭގޮތުން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާއި، ސިޓީތަކާ ބެހޭގޮތުން ކޮމިޓީން މިއަދު އެ ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިނިވަން ކޮމިޝަންތަކުގެ ބައެއް މެންބަރުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތްވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށްގެންދާނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތަކަކީ މަސްލަހަތު ފުށުއަރާ ބައެއް ކަހަލަ މައްސަލަތައް ހިމެނޭ ކަމަކަށް ވާތީ، އެ މަަސައްކަތްތައް ކުރިއަށް ގެންދާ ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ތާއީދު ކުރައްވައިގެން ކޮމިޓީ ބައްދަވުވުން ސިއްރުކުރަން ކޮމިޓީން ފާސްކުރިއެވެ.

މިނިވަން ކޮމިޝަންތަކުގެ މެންބަރުންގެ ތެރެއިން، ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތު އާއި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު މެންބަރުކަމުން ވަކިކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ މައްސަލަ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވުމުން، އެ ބޭފުޅުންގެ ނަންތައް މަޖިލިސް ތަޅުމުގައި އިއްވުމަށްފަހު އެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވިއެވެ.

އެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނުފޫޒަށް ލެނބުމާއި ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ މައްސަލަތަކެއްގެ ތުހުމަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވަނީ ވިދާޅޫވެފައެވެ.