މިނިވަން މުވައްސަސާތައް ކަމަަށްވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައެއް މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނުފޫޒަށް ލެނބުމާއި ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ މައްސަލަތަކެއްގެ ތުހުމަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހެ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމްއާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތުއާއި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އެ ބޭފުޅުން ކޮމިޝަންތަކުން ވަކިކުރުމުގެ މައްސަލަ މަޖިލިސް ތަޅުމުގައި އިއުލާން ކޮށްދެއްވުމަށް އެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެ ކަންކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން އޭސީސީގެ ބޭފުޅުން ވަކި ކުރެއްވުމަށް އެދި ފޮނުއްވި ސިޓީގައި ވަނީ، ވާޖިބު އަދާކުރުުގައި ކޮމިޝަންގެ މެންބަރުން އެއްވެސް ބިރަކަށް އަދި އެއްވެސް ނުފޫޒަކަށް ލެނބިގެންނުވާނެ ކަމަށް، އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލައެއް ނިންމުމުގައި އަދި މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ކުރުުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި، ސީދާގޮތުނާއި ނުސީދާ ގޮތުންވެސް އަމިއްލަ މަސްލަހަތު ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާއިރު މެންބަރަކު އެކަންކަމާއި ހިލާފުވުމަކީ މެންބަރުކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެ ސިޓީގައިވެއެވެ.
ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި ވަނިކޮށް، އޭސީީސީގެ ނާއިބު ރައީސްއާއި މެންބަރު ތޯހާ ގާނޫނާހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ކޮމިޓީއަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެކަމާއި ގުޅިގެން އެ ބޭފުޅުން ކޮޮމިޝަނުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީން ދިރާސާކުރަން ފާސްކުރީ ކަމަށްވެސް އެ ސިޓީގައިވެއެވެ.
ސީއެސްސީގެ ރައީސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލައާއި އީސީގެ ނާއިބު ރައީސް އާއި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ އާސިފާއި ޑރ. މުހައްމަދު ޒާހިރު ވަކިކުރުމުގެ މައްސަލައިގައި ފޮނުވާފައިވާ ސިޓީގައި ކޮމިޓީގެ މުގައްރިރު މަޖިލިސް ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، އެ ދެ ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ސުލޫކީ މިންގަނޑާ އެ ބޭފުޅުން ހިލާފުވެފައިވާތީ، މެމްބަރުކަމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވާތީ، އެ މައްސަލަ ބެލުމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން ގާނޫނުގައިވާ ސުލޫކީ މިންގަނޑާ ހިލާފުވުމަކީ މެންބަރުކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެއެވެެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޭފުޅުން ކޮމިޝަންތަކުން ވަކިކުރުުމުގެ މައްސަލައިގައި ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީތައް މަޖިލިސް ތަޅުމަށް އިއްވީ އިދާރީ މޭޒުން މަޖިލީހުގެ އަމީން އާއްމު ފާލުމަތު ލިއުޝާއެވެ.
އެ ސިޓީތައް މަޖިލިސް ތަޅުމަށް އިއްވުމުން އެ މައްސަލަ އިތުރަށް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަލުން ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު