ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލުމަށްފަހު، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓު ތަފްސީލުތަކުގައެވެ.

ބަޖެޓް ތަފްސީލްތަކުގައި ވަނީ، ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމު މިހާރު ހަމަޖެހިފައި އޮތްގޮތުން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިއަހަރު ވެސް ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް 322 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ސްކީމަށް ލިމިޓެއް ނޯންނައިރު ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްތައް އެ ސްކީމުގެ ތެރެއިން ލިބެން ހުންނަކަންވެސް ފާހަގަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށެވެ.

އަންނަ އަހަރު 2025 ވަނަ އަހަރުގެ ކުރީކޮޅު މި ބަދަލު ގެންނަން ނިންމާފައިވާކަމަށްވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.