ރާއްޖޭގެ ގައުމީ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ ދެ މެޗަށް އިއްޔެ ޓީމު ފުރައިފިއެވެ.
ރާއްޖޭގެ ގައުމީ ޓީމުން ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނީ މިމަހުގެ 13 އަދި 16 ވަނަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގައެވެ.
ރާއްޖެއިން އެންމެ ފަހުން ގައުމީ ޓީމުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ ލެގެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
އޭގެ ކުރިން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައިވެސް ބަންގްލަދޭޝް ކައިރިން ރާއްޖެ ބަލިވެފައިވާ އިރު، ރާއްޖޭގެ ލީގު ފުޓުބޯޅަ ހުއްޓިފައި އޮންނަތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ ކްލަބަކުން އެންމެ ފަހުން ވާދަކުރީ އޭއެފްސީ ޗެލެންޖް ލީގުގައެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެ ކްލަބުން ޗެލެންޖް ލީގު ގްރޫޕް ސްޓޭޖު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.
ރާއްޖޭ ޓީމުން އިއްޔެ ފުރީ މާޒިޔާ ޓީމުގައި ހިމެނުނު ކުޅުންތެރިންނާ އެކު ވެސް ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހު ފަރިތަކޮށްފައެވެ. މިފަހަރު ޓީމުގެ ތަމްރީނުތަކުގައި ވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ބައިވެރިކޮށްފައިވާ އިރު، ސްކޮޑުގައިވެސް ޒުވާން ގައުމީ ޓީމުތަކުން ފާހަގަކޮށްލެވުނު ކުޅުންތެރިން ކޯޗު އަލީ ސުޒޭން ވަނީ ހިމަނައިފައެވެ.
އެގޮތުން 20 އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަކޮށްލެވުނު މުޒްދާން ހަސަން، އަބްދުﷲ ލޫތު އިބްރާހިމް އަދި ގޯލްކީޕަރު މުހައްމަދު ޔާމީންވެސް ފައިނަލް ސްކޮޑުގައި ހިމަނާފައިވެއެވެ. އޭގެ އިތުރުން ގައުމީ ޓީމަށް އަލަށް ނުކުތް ކުޅުންތެރިންވެސް ސްކޮޑުން ފާހަގަވެެއެވެ. އޭގެ ތެރޭގައި ހައިސަމް ރަޝީޑާއި އަހުމަދު މާއިޝް ރަޝީދު ފާހަގަކޮށްލެވެއެވެ.
ކޯޗު ސުޒޭނާއެކު ޓީމުގައި އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދަނީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރާއި 20 އަހަރުން ދަށު ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)އެވެ.
- ހުސައިން ޝަރީފް/ ގޯލްކީޕަރު
- ސަމޫހު އަލީ (ސަމުއްޓެ)
- ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
- މުހައްމަދު އިރުފާން (އިރޭ)
- އަލީ ފާސިރު (ސެންޓޭ)
- އިބްރާހީމް އުސާމާ
- ހައިސަމް ރަޝީދު
- ނާއިޒު ހަސަން (ދާދު)
- ހަމްޒާ މުހައްމަދު (ހަމްޕު)
- ހަސަން ރާއިފް އަހުމަދު (ހަންނަ)
- ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
- މުހައްމަދު ނިޒާމް (ޕީކޭ)
- ހައިޝަމް ހަސަން (ބިޑި)
- އަހުމަދު އައިހަމް
- އަބްދުﷲ ލޫތު އިބްރާހީމް
- އަހުމަދު މާއިޝް ރަޝީދު
- ހަސަން ޝިފާޒު (ޑުންގާ)
- އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ)
- ހުސައިން ނިހާން (ނިހާޓް)
- އިޔާމް އަބްދުލް އަލީމް (ޗިކީ) / ގޯލްކީޕަރު
- މުހައްމަދު ނާއިމް
- ހަސަން ނަޒީމް (ޗޯޓު)
- އަހުމަދު ރިޒުވާން (ރިޒޭ)
- މުހައްމަދު ޔާމީން / ގޯލްކީޕަރު
- މުޒްދާން ހަސަން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު