ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ގްރީސްގެ ޗެމްޕިއަން ޕައޮކް ބަލިކުރި އިރު، ޗެލްސީން ކޮންފަރެންސް ލީގުގައި ކުޅުނު މެޗުގައި ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ޕައޮކް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅެވެ. އެ މޮޅާއެކު މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައި ޔުނައިޓެޑް އޮތީ ޔޫރޮޕާ ލީގުގެ، ލީގު ބުރުގެ 15 ވަނައިގައެވެ. އެއީ ހަތަރު މެޗުގެ ތެރެއިން މެޗަކުން ބަލިނުވެ، ތިން މެޗުން އެއްވަރުކޮށް، އެއް މެޗުން މޮޅު ވެގެންނެވެ.

ރޭގެ މެޗުގައިވެސް ޔުނައިޓެޑަށް އިރުޝާދު ދިނީ ވަގުތީ ކޯޗު ރޫދު ވާން ނިސްޓެލްރޫއީއެވެ. އާ ކޯޗު ރުބެން އަމޯރިމް އިންޓަނޭޝަނަލް ބްރޭކަށްފަހު ޓީމާ ހަވާލުވާން ތައްޔާރުވެފައިވާ އިރު، އެރިކް ޓެން ހާގު ކްލަބުން ދޫކޮށްލިފަހުން އެޓީމުން ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ އިރު، ޕައޮކުން ވަނީ ރަނގަޅު ފުރުސަތެއް ބޭކާރު ކޮށްލައިފައެވެ. އެއީ ތަރިކް ތިސޫލްޑީއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ އަތުން ބޭކާރުވެގެން ދިޔަ ފުރުސަތެކެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑްގެ ތަފާތަކަށްވީ އަމަޑް ޑިއާލޯއެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ބޮލުން ގޯލަށް ޖެހި ބޯޅައަކާއެކު ޑިއާލޯ މެޗުގެ ލީޑު ނަގައިދިން އިރު، މެޗު ނިމެން 13 ވަރަކަށް މިނެޓް ހުއްޓައި އޭނާ ދެވަނަ ގޯލެއް ޖަހައި ޔުނައިޓެޑަށް މޮޅު ޔަގީން ކޮށްދިނެވެ.

ޔުނައިޓެޑުން ޔޫރޮޕާގައި ރޭ ހޯދި މޮޅަކީ، އެޓީމުން ޔޫރަޕްގައި އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެވުނީ ދެމެޗުންނެވެ.

ޗެލްސީން ރޭ ކޮންފަރެންސް ލީގުގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އަރްމީނިއާގެ ނޯއާއާ ބަލިކުރީ 8-0 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ޓީމަކުން ކޮންފަރެންސް ލީގުގައި ހޯދި އެންމެ ބޮޑު މޮޅެވެ.

ރޭ ހޯދި މޮޅާއެކު ޗެލްސީ ކޮންފަރެންސް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކުގައެވެ. މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެފައި އިތުރު ފަސް ޓީމެއް ކޮންފަރެންސް ލީގުގައި އޮތް ނަމަވެސް، ޗެލްސީ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ބޮޑު ތަފާތަކުންނެވެ.

ރޭގެ މެޗުގައި ޗެލްސީން ވަނީ ފުރަތަމަ ހާފުގައިވެސް ހަ ގޯލު ޖަހައިފައެވެ. އެއީ ޓޮސިން އަޑަރަބިއޯ ކޯނަރެއްގައި ޖެހި ގޯލެއްގެ އިތުރުން މާކް ގިއޫއާއި އެލެކްސް ޑިސާސާއި އަދި މިހައިލޯ މުޑްރީކް ޖެހި ގޯލެއްގެ އިތުރުން ޖާއޯ ފެލިކްސް ޖެހި ދެ ގޯލުންނެވެ.

ދެވަނަ ހާފުގައިވެސް ޗެލްސީ ތަފާތު މޮޅުކޮށް ފެނުނު އިރު، އެ ހާފުގައި ފެނުނު ދެ ގޯލުވެސް ޖެހީ ކްރިސްޓޮފާ އެންކުންކޫއެވެ. މެޗުގައި އެންޒޯ ފެނާންޑޭޒް ތިން އެސިސްޓް ހެދި އިރު، އެންކުންކޫއާއި ޑިސާސީވެސް ވަނީ އެސިސްޓެއް ހަދައިފައެވެ.