ޔޫއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި، މިހާރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުންނެވިއިރު ސިއްރު ލޯބިވެރިޔަކަށް ޔޫއެފާއިން ހަރަދުކުރި ކަމަށް ޑެއިލީ ޓެލެގްރާފްއިން ރިޕޯޓު ކޮށްފައިވާ ހަބަރު އޭނާގެ ފަރާތުން ދޮގުކޮށްފިއެވެ.

އިންފަންޓީނޯ ފީފާއަށް ގެންނަވަން އުޅުއްވި ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ޕްލޭން ފެއިލްވެ، އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، ޔޫއެފާއަކީ މިވަގުތު އޭނާއާ ފާޅުގައި ދެކޮޅު ހަދަމުންދާ ޖަމިއްޔާއެކެވެ. ޔޫއެފާގެ ގިނަ ގައުމުތަކަކުންވެސް އިންފަންޓީނޯއަށް އިތުބާރު ނެތްކަމަށް ހާމަކޮށްފައިވާ އިރު، އޭނާގެ އިސްތިއުފާއަށްވެސް ގައުމުތަކުން ވަނީ ގޮވާލައިފައެވެ.

އިންފަންޓީނޯ، 2009 އިން 2016 ވަނަ އަހަރާ ހަމައަށް ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު، ޓެލެގްރާފުން ބުނީ ކާކުކަން ނޭނގޭ އަންހެނަކަށް ޔޫއެފާއިން ފައިސާ ދީފައިވާ ކަމަށެވެ. އަދި އެއީ ހަ އަދަދުގެ ނަމްބަރެއް ކަމަށާއި، ސީދާ އަދަދެއް މިވަގުތަށް އެނގެން ނެތް ކަމަށްވެސް ޓެލެގްރާފުން ބުނެފައިވެއެވެ.

ޓެލެގްރާފުން ބުނީ އެއީ އިންފަންޓީނޯގެ ސިއްރު ލޯބިވެރިއެއް ކަމަށާއި، އޭރު އިންފަންޓީނޯ އުޅުއްވީވެސް ކައިވެންޏެއް ބައްލަވައިގެން ކަމަށެވެ.

އެކަމުގައި އިންފަންޓީނޯގެ ފަރާތުން ތަރުޖަމާނަކު ބުނީ އެއީ ބުހުތާން ދޮގު ކަމަށައި، އެ ވާހަކަ ދައްކަނީ އިތުބާރު ގެއްލުވާލަން ކަމަށެވެ. އަދި އިންފަންޓީނޯ ޔޫއެފާގައި މަސައްކަތްކުރެއްވި އިރު، އެތަނުގައި އެކަހަލަ އެއްވެސް ކަމެއް ހިނގި ކަމަށް އެއްވެސް މުއައްޒަފަކު ވާހަކަވެސް ދައްކާފައި ނުވާ ކަމަށާއި، އެކަހަލަ އެއްވެސް ޝަކުވާއެއްވެސް ހުށަހެޅިފައި ނުވާ ކަމަށް އިންފަންޓީނޯގެ ފަރާތުން ބުނެފައިވެއެވެ.

ޓެލެގްރާފުން ބުނީ އިންފަންޓީނޯ ސިއްރު ލޯބިވެރިޔާއަށް ހަރަދުކުރެއްވީ އޭނާގެ މާސްޓާސް ޑިގްރީ ފުރިހަމަކުރުމަށް ފީ ދެއްކުމަށް ކަމަށެވެ. އެ ރިޕޯޓުގައި ބުނީ އޭރު އެ ހަރަދު ކޮށްފައިވަނީ އުސޫލަށް ފައްތައިގެން ނަމަވެސް، ދިރާސާ ކުރުމުން އެއީ ސިއްރު ހަރަދެއްކަން އެނގޭ ކަމަށެވެ.