މިހާރު ޔޫއެފާ ރައީސްކަމުގައި ހުރި ސްލޮވޭނިއާގެ އެލެކްސެންޑާ ޗެފެރިން، ފީފާގެ ރައީސްކަމަށް ވާދަކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ފީފާގެ ރައީސް ޖިއާނާ އިންފަންޓީނޯ އެ އިދާރާގެ ރައީސްކަމާ ހަވާލުވީ 2016 ވަނަ އަހަރު ދައުރުގެ މެދުތެރެއިންނެވެ. އެފަހަރު އޭރުގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދިނުމުން އިންފަންޓީނޯ މަގާމާ ހަވާލުވީ ދައުރުގެ މެދުތެރެއިންނެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް އިންފަންޓީނޯ ރައީސްކަން ކުރައްވަމުންދާ އިރު، މިފަހަކަށް އައިސް އޭނާއަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން ދާދިފަހުން ފީފާއަށް ފަންޑިން އިތުރުކުރުމަށް ކަމަށްބުނެ، އިންފަންޓީނޯ ވަނީ އެކި މުބާރާތްތަކުގެ ހިއްސާ ވިއްކަން ޕްލޭނެއް އެކުލަވާލައިފައެވެ. 20 ބިލިއަން ޑޮލަރުގެ އެ ޕްލޭނުގެ ދަށުން ފީފާއިން ވަނީ ވޯލްޑް ކަޕްގެ ހިއްސާ ވިއްކޭނެ ކަހަލަ ގޮތަކަށް ޕްލޭން ކޮށްފައެވެ. އެ ޕްލޭނަށް އެންމެ ފުރަތަމަ ނޫނެކޭ ބުނީ ޔޫއެފާއިންނެވެ. އަދި އޭގެފަހުން ޔޫއެފާއާއެކު އޭއެފްސީއާއި ކޮންކެކަފްއިންވެސް ވަނީ އިންފަންޓީނޯގެ ޕްލޭނަށް ނޫނެކޭ ބުނެފައެވެ.
"އިންފަންޓީނޯއަށް ދެން އޮތީ ދެގޮތް. އެއީ އަމިއްލައަށް ތާއީދު ނެތް ކަމަށް ގަބޫލުކޮށް މަގާމު ދޫކޮށްލުން. ނޫނީ ތާއީދެއް ނެތި، ސިޔާސީ ބާރުވެރިކަމުގައި ގަދަކަމުން ދައުރު ހަމަވަންދެން މަގާމުގައި ހުރުން. ހަގީގާތުގައި ފުޓުބޯޅައިގެ ތެރެއިން އިންފަންޓީނޯއަކަށް މިހާރު ތާއީދެއް ނެތް. ކުޅުންތެރިންނާއި ކޯޗުންގެވެސް ތާއީދެއް ނެތް. އެހެންވީމަ އަންނަ އަހަރު އޮންނަ އިންތިހާބުގައި އޭނާއާ ދެކޮޅަށް ވަރުގަދަ ވާދަވެރިއެއްވެސް ނުކުންނާނެ،" ޗެފެރިން ވިދާޅުވިއެވެ.
ޔޫއެފާއާއި ފީފާއާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެފައިވާ އިރު، އިދިކޮޅަށް ނުކުންނާނެ ކެނޑިޑޭޓެއް ނޭނގޭނެ ކަމަށް ޗެފެރިން ފާހަގަކުރިއެވެ. އަދި އެކަމުގައި އޭނާގެ ވިސްނުން ނެތް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު މާޗު މަހު ފީފާގެ އިންތިހާބު އޮންނަ އިރު، ޗެފެރިން ބުނީ ފީފާއިން ގެންނަން އުޅުނު ހިއްސާ ވިއްކުމުގެ އިންވެސްޓްމަންޓް ޕްލޭނަކީ 2021 ވަނަ އަހަރު ޔޫއެފާއާ ދެކޮޅަށް އުފެއްދި ޔޫރަޕިއަން ސުޕަ ލީގުގެ ޕްލޭނަށްވުރެ ނުރައްކާ ޕްލޭނެއް ކަމަށެވެ. އެފަހަރުވެސް ބޮޑެތި ގައުމުތަކާ ދެކޮޅަށް ކުދި ގައުމުތަކުން ތެދުވުން އެއީ ހިތްވަރަކަށްވީ އިރު، މިހާރު އިންފަންޓީނޯ އުޅުއްވަނީ ކުދި ގައުމުތަކުގެ ތާއީދު ހޯއްދަވަން ކަމަށް ޗެފެރިން ވިދާޅުވިއެވެ.
އިންފަންޓީނޯ ދާދިފަހުން ވިދާޅުވީ ފީފާއިން މަސައްކަތް ކުރައްވަނީ މެމްބަރު ހުރިހާ ގައުމަކަށްވެސް ކުރިއަރަން ބޭނުންވާ ފައިސާގެ އެހީތެރިކަން ދޭން ކަމަށާއި، އާ ޕްލޭނެއް ގެނެސް ގައުމުތައް ހަމަހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި އެ ޕްލޭނަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް