ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދިފަހުން އިއުލާނުކުރެއްވި ފީފާ ފޯވަޑް އެންޓަޕްރައިސް (އެފްއެފްއީ) އާއި ފީފާ ޕީސް ޕްރައިޒްގެ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތް ހާމަކޮށް އެކަމުގެ ލިޔެކިޔުންތައް ހިއްސާކުރުމަށް ޔޫއެފާއިން ފީފާއަށް އިއްޔެގެ ނިޔަލަށް މުހުލަތު ދީފައިވާ އިރު، އެ މުހުލަތު ތެރޭގައި ލިޔުންތައް އާންމުނުކޮށް، ވަކި އުސޫލެއްގެ ދަށުން ކައުންސިލް މެމްބަރުންނަށް ދައްކާލަން ނިންމައިފި ކަމަށް ރުޕޯޓުތައް ބުނެފިއެވެ.
މިދިޔަ އަހަރުތަކުގައި އިންފަންޓީނޯއާއި ފީފާއަށް ވަނީ އެކިއެކި ކަންކަމުގައި ޕްރެޝަރު ބޮޑުވެފައެވެ. އެގޮތުން އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފަސްޖެހުމުގެ އިތުރުން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުންވެސް އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުން މާބޮޑުވެ، ފީފާގެ ސުލްހައިގެ އިނާމު ޓްރަމްޕަށް އެރުވުމުން އެކަމަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.
އެފްއެފްއީއަކީވެސް ޓްރަމްޕާ އާއިލީ ގުޅުން އޮތް ކުންފުންޏަކާ ގުޅިގެން ހިންގަން މަސައްކަތް ކުރި ޕްލޭނެއް ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެ ޕްލޭނާއެކު ޔޫއެފާއިން އިންފަންޓީނޯއާ ދެކޮޅަށް ފާޅުގައި ތެދުވެފައެވެ. އަދިވެސް ޔޫރަޕްގެ ގައުމުތަކުން އިންފަންޓީނޯއަށް އަންނަ އިންތިހާބުގައި ތާއިދުނުކުރާ ގޮތަށް އޮތް އިރު، އޭރު ދެކޮޅު ހެދި އޭއެފްސީން އިންފަންޓީނޯ ކޮޅަށް އަރާފައިވެއެވެ.
ޔޫއެފާއިން ލިޔެކިޔުންތަކަށް އިންފަންޓީނޯއަށް މުހުލަތެއް ދިން އިރު، ނޫސްތައް ބުނެފައި ވަނީ ފީފާގެ ސެކްރެޓަރީ ޖެނެރަލް، މަޓިއަސް ގްރާފްސްޓްރަމް ފޮނުއްވި ސިޓީއެއްގައި ލިޔެކިޔުންތައް ދައްކާނެ ހާއްސަ ގޮތްތަކެެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ލިޔުންތައް ބަލަން ބޭނުންވާ ކައުންސިލް މެމްބަރުންނަށް އެކަމަށް ހާއްސަ ރަޖިސްޓްރޭޝަނެއް ފުރިހަމަކޮށް، ލިޔެކިޔުންތައް ސްވިޒަލެންޑްގެ ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ބެލޭނެ ކަމަށް ސިޓީގައި ވާ ކަމަށް ނޫސްތައް ބުނެއެވެ.
ޔޫއެފާއިން ލިޔެންތައް އާންމުކުރުމަށް އެދުނު ސިޓީގައި ފީފާއަށް 100 އެއްހާ ސުވާލަށް ޖަވާބު ދޭން އެދުނު ނަމަވެސް، އެކަން ނުކުރަން ފީފާއިން ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
އިންފަންޓީނޯ އަނެއްކާވެސް ރައީސް ކަމަށް މަސައްކަތް ކުރައްވަމުންދާ އިރު، އޭނާއާ ދެކޮޅަށް އެމެރިކާގެ ކޯޓުގައި ޔޫއެފާއިން ވަނީ މައްސަލައެއްވެސް ފައިލް ކޮށްފައެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް