މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނަށް ދެންނެވި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން މިއަދު ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރަން އެންގެވި ކަމަށާއި އެއީ ޕާޓީގެ ލީޑަރުން ވެސް އެންމެ ބޭނުންވި ގޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރުން ދެއްތޯ އެންމެ އަޑު ހަރުކޮށް ދައްކަމުން ގެންދެވީ ވަކާލާތު ކުރަމުން ގެންދެވީ ރައީސް ޔާމީނާ ނުލައި ރިޔާސީ އިންތިހާބު ނުބޭއްވޭނޭ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.
"ދަށު ކޯޓުގެ ހުކުމް ތަކަކީ މަތީ ދެ މަރުހަލާގައި އިސްތިއުނާފު ކުރެވޭ ކަންކަން. އިސްތިއުނާފުގެ އެއްވެސް މަރުހަލާއަކުން ވެސް އަޅުގަނޑުގެ ކެންޑިޑެސީ ނުވަތަ ކުށްވެރިއެއް ކަމަށް ނިންމާފައެއް ނުވޭ. އަޅުގަނޑުގެ އާރަށުގެ މައްސަލަ އިސްތިއުނާފު ކުރީ ހައިކޯޓުގައި، ހައިކޯޓުގައިވީ ކިހިނެއްތޯ. އަޅުގަނޑަށް ހައިކޯޓުގައި މައްސަލަ އަވަސް ކުރެވޭނެތޯ. ފަނޑިޔާރުންގެ އަތްމަތީގައި ދެއްތޯ އެ މައްސަލަ އޮތީ. ފަނޑިޔާރުން ނުނިންމަވާ ލަސްކުރެއްވީ ދެއްތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލު ކުރުމަށްފަހު ހައި ކޯޓުން ނިންމީ އެ މަނިކުފާނަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއީދު ކުރާ އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
"އަނެއްކާ ދުނިޔޭގެ ސަމާލުކަމަށްވެސް އަންނާނެ މިކަހަލަ ކަމެއްގައި އަޅުގަނޑުމެން ބޮއިކޮޓް ކޮށްފިއްޔާ ޕީޕީއެމަކީ އެންމެ ވަރުގަދަ އޮޕޮޒިޝަން ޕާޓީއަކަށް އޮތް ޕާޓީ. އިންތިހާބު ބޮއިކޮޓް ކޮށްފިއްޔާ ދުނިޔާގެ ސަމާލުކަމަށް މިކަން އައިސްފިއްޔާ އަޅުގަނޑުމެން ވިސްނީ އެންމެ ކުޑަމިނުން އެއަށް ގާނޫނީ ފަރުވާއެއް ކޯޓުތަކުން ލިބޭނެ ކަމަށް. އެ ސަބަބަށްޓަކައި އެއީ ޕާޓީން އެހާވަރަށް، ކުރީއްސުރެ ދުރާލައި ރައީސް ޔާމީނާ ނުލައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދެވީ. އަޅުގަނޑު ބުނެގެނެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ގެއްލުނު ހިސާބުން ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ކެންޑިޑޭޓެއް ކަނޑައެޅުމަށް އެދުނު ކަމަށާއި ނަމަވެސް އެމަނިކުފާނު އެދިވަޑައިގެންނެވީ އިންތިހާބެއް ބާއްވަން ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނޑިޑޭޓަކަށް ހޮވިވަޑައިގަތީ ސެނެޓުގައި ވޯޓް ލައިގެން ކަމަށާއި އެކަމުގައި ގޯހެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު