ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ މީގެ ކުރިން ފުލުހުން ހައްޔަރުކުރި ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އަދި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޝާދިޔާ އަދި ޝަޒްރާގެ މައްޗަށް ކޮށްފައިވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެ ކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެ ކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޝާދިޔާ އަދި ޝަޒްރާގެ މައްޗަށް އެ ދެ ދައުވާ ކޮށްފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެކި ދުވަސްމަތިން ގޮސް، އެތަންތަން ކައިރީގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ޑިޕްލޮމެޓިކް މިޝަންތަކަށް އަދި ޑިޕްލޮމޭޓުންނަށް ދަތިވާ ގޮތަށް އަމަލުތައް ބެހެއްޓުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ޝާދިޔާއާއި ޝަޒްރާ ވަނީ ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަން، ޔޫއޭއީގެ އެމްބަސީ ހުންނަ ހޮޓަލް ޖެން ކައިރިއަށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި ދަތިކޮށް އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން ނުދާނެ ކަމަށް ބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައިފައި ކަމަށެވެ.
ޑިމްލޮމެޓިކް މިޝަންތަކުގައި ކައިރީގައި މުޒާހަރާކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ދެ މީހުން ހައްޔަރުކޮށްފައެވެ. އަދި ދެ ފަހަރެއްގެ މަތިން އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ޖަހައިދީފައިވެއެވެ. ނަމަވެސް އެ މީހުންނާ ދެކޮޅަށް އިތުރު ހެއްކެއް ފުލުހުންނަށް ހުށަހަޅައިފައިނުވާތީ އެ ދެ މީހުން ފަހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ކުރިމިނަލް ކޯޓުން ޝާދިޔާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުން އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގައި ހައި ކޯޓުން ހުކުމްކުރީ ކުރިމިނަލް ކޯޓުން ޝާދިޔާގެ ބަންދުގެ މުއްދަތު ޖަހައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެއިރު ޝާދިޔާ ހުރީ ބަންދުން ވީއްލިފައެވެ.
ހައި ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު