އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރިމަތިލުން އެއްވަރުވި އިރު، ޓޮޓެންހަމްއިން ފަހަތުން އަރައި އެސްޓަން ވިލާ ބަލިކޮށްފިއެވެ.
ޔުނައިޓެޑް ދަނޑުގައި މިރޭ ޗެލްސީން އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީއާއި ޔުނައިޓެޑްގެ ކުރިމަތިލުންތައް ފަހަކަށް އައިސް ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، އެންމެފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ އެޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު، ރޫދު ވާން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުންނެވެ. އެޓީމަށް މިހާރު ދާއިމީ ކޯޗެއް ހޯދާފައިވީ ނަމަވެސް، އޭނާ ޓީމާ ހަވާލުވާނީ އިންޓަނޭޝަނަލް ބްރޭކަށްފަހުއެވެ. ޔުނައިޓެޑުން އެރިކް ޓެން ހާގު ފޮނުވާލުމަށްފަހު ގެނެސްފައިވާ ދާއިމީ ކޯޗަކީ ރުބެން އަމޯރިމްއެވެ. އެއީ ކުރިން ސްޕޯޓިން ލިސްބަންގެ ކޯޗެވެ.
ޔުނައިޓެޑާއި ޗެލްސީ ކުރިމަތިލި މެޗު ވެގެންދިޔައީ ހަމަލާތައް މަދު މެޗަކަށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ބެލީ ކޮޅަށް ގޯލެއް ނުވައްދާ ބޮޑަށް ޑިފެންސްކޮށްގެން ކުޅެވޭތޯއެވެ. މާ އަވަސް އަރުވާލައިގެން އެޓޭކް ކުރަން ދެ ޓީމުންވެސް ވިސްނާފައި ނުވާ އިރު، ހާފު ނިމެން ދަނިކޮށް މާކަސް ރަޝްފޯޑު ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
ދެވަނަ ހާފުގައި މެޗު ކޮންމެވެސް ވަރަކަށް ހުޅުވިގެން ދިޔައެވެ. ހާފުގެ ކުރީކޮޅުގައި ޗެލްސީގެ ޕެޑްރޯ ނެޓޯ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީވެސް ދަނޑީގައި ކޭއްތިލާފައެވެ. މަޑު ރާގެއްގައި މެޗުގެ ކުޅުން ދަނިކޮށް 68 ވަނަ މިނެޓުގައި ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޗެލްސީ އޭރިއާ ތެރެއިން ރަސްމުސް ހޮއިލުންޑް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކޮށްލުމާއެކު ޗެލްސީގެ ފަހަތް ހުޅުވިގެން ދިޔުމާއެކު ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ އޭނާއަށް ފައުލް ކޮށްފައެވެ.
އެ ފައުލަށް ދިން ޕެނަލްޓީ ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ ޗެލްސީން ނަތީޖާ ހަމަހަމަ ކުރިއެވެ. ކޯނަރަކުން ތަނަވަސްކުރި ފުރުސަތުގައި ޗެލްސީގެ ގޯލު ޖެހީ މޮއިސަސް ކައިސޭޑޯއެވެ. ކައިސޭޑޯގެ ގޯލަކީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުސަތެއް ފަހުވަގުތުގައި ލިބުނީ ޔުނައިޓެޑަށެވެ. އެލެހާންޑްރޯ ގަނާޗޯއަށް ލިބުނު އެ ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.
މިރޭގެ ނަތީޖާއާއެކު ޗެލްސީ އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އެއީ 10 މެޗުން 18 ޕޮއިންޓާއެކުގައެވެ. ފަސްވަނައިގައި އޮތް އާސެނަލާއި ހަވަނައިގައި އޮތް އެސްޓަން ވިލާއަށްވެސް 10 މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމުތަކުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.
މިރޭ ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ވިލާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި ހޯދި މޮޅާއެކު ޓޮޓެންހަމް ތާވަލުގެ ހަތްވަނައިގައި އޮތީ ވިލާއަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ. އެއީ 10 މެޗުން 16 ޕޮއިންޓާއެކުގައެވެ.
ވިލާއިން މެޗު ރަނގަޅަށް ފަށައި ފުރަތަމަ ހާފުގައި ލީޑު ނެގިއެވެ. އެ ގޯލަކީ މި ސީޒަނުގައި މޮޅަށް ކުޅެމުން އަންނަ މޯގަން ރޯޖާސް ޖެހި ގޯލެކެވެ. އެ ގޯލާއެކު ވިލާއިން ކުރީގައި އޮވެ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ފެނުނީ މުޅިން ތަފާތު ޓޮޓެންހަމްއެކެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޓޮޓެންހަމްއިން އެޓޭކް ކުރަމުން ގޮސް، އެޓީމުން ފަހަތުން އަރައި ހަތަރު ގޯލު ޖެހިއެވެ. އޭގެ ތެރެއިން ދެ ގޯލު ޑޮމިނިކް ސޮލާންކޭ ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ބްރެނަން ޖޯންސަންއާއި ޖޭމްސް މެޑިސަންއެވެ. މެޑިސަންގެ ގޯލަކީ ހިލޭ ޖެހުމަކުން ޖެހި ހިތްގައިމު ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު