ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި ކުރިމިނަލް ކޯޓުން މަރުގެ ހުކުމް ކުރި، ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމުގެ ކުށް ސާބިތުވެ، ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައިވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.

އެ ދެ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ގޯސްކޮށް ކަމަށް ބުނެ ސަމާހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ އިސްތިއުނާފުގެ މައްސަލަ ބަލައި، ސުޕްރީމް ކޯޓުން ހުކުމް ކުރީ، ސަމާހު މަރަން ކުރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލައިގައި އިތުރު ހެކިން ހުށަހެޅުމަށް ފުރުސަތު ދިނުމަށްޓަކައި އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވާލުމަށެވެ.

ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު ވިދާޅުވީ މި މައްސަލައިގައި ސަމާހަށް އަނިޔާކުރިކަން އެނގޭ ހެކިން ތިބި ކަމަށާއި އެ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ކުރިމިނަލް ކޯޓާއި ހައިކޯޓުގައި ސަމާހުގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ހެކިން ތިބި ނަމަ، އެ ހެކިން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު ސަމާހުއަށް ދިނުމަށް ކުރިމިނަލް ކޯޓަށް އަންގަން ފެންނަ ކަމަށް ވިދާޅުވިއެވެ.

އެހެންވެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ މި މައްސަލައިގައި ސަމާހުގެ ބަޔާނުގެ އިތުރުން މިނިވަން މުސްތަގިއްލު ހެއްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުސަތު ދިނުމަށްފަހު، މި މައްސަލައިގައި ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ އެ ކޯޓަށް ތަހުވީލު ކުރުމަށެވެ.

އެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ސަމާހުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް އެދި ލަސްނުކޮށް ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް އަމުރުކޮށްފައެވެ. ސަމާހުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެކަމާ ގުޅިގެން ޝަރީއަތް އަލުން ފެށުމަށް ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނެވެ.

ދައުލަތާއި ދިފާއުން އެ ކަމުގައި ފާހަގަ ކުރި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އާމިނަތު އަޒުލިފާ ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ޖެހޭ ހާލަތު އެބަ އޮތް ކަމަށެވެ.