އިނގިރޭސި އެފްއޭ ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި އާސެނަލްގެ އިތުރުން ޓޮޓެންހަމްވެސް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
ރޭ ކުޅުނު ލީގު ކަޕް ގަދަ 16 ގެ މެޗުތައް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ވަރުގަދަ ސިޓީ ކައިރިން ޓޮޓެންހަމް އަމިއްލަ ދަނޑުގައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އާސެނަލުން ރަށުން ބޭރުގައި ޕްރެސްޓޮން 3-0 އިން ބަލިކުރި އިރު، ޗެމްޕިއަން ލިވަޕޫލުން ބްރައިޓަން ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މޮޅާއެކު ޓޮޓެންހަމްއާއެކު ތަށްޓެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އަންގޭ ޕޮސްޓެކޮގްލޫއަށް ހިތްވަރު އާވެފައިވާ އިރު، މެޗުގެ ފަސްވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޓީމޯ ވާނާއެވެ. ވާނާގެ އެ ގޯލަކީ މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އޭގެ 20 މިނެޓް ފަހުން ޓޮޓެންހަމްއިން ދެވަނަ ގޯލެއް ޖެހި އިރު، އެ ގޯލު ޖެހީ ޕަޕޭ ސާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްޕާސްއަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ޓީމުގެ މުހިއްމު ޑިފެންޑަރު މިކީ ވެން ޑެ ވެންއަށް އަނިޔާވެ ބާލަން ޖެހުމެވެ. އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ބާލަން ޖެހިފައިވާ އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މަތެއަސް ނުނޭޒް ވަނީ ސިޓީއަށް ގޯލެއް ޖަހައިދީފައެވެ.
އެ ގޯލާއެކު ދެވަނަ ހާފު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެންމެފަހު މިނެޓްކޮޅުގެ ތެރޭގައި ނިކޯ އޮރައިލޭ ޖެހި ބޯޅަ ބްލޮކްކުރީ ވެސް ބިސޫމާ އެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ގެބްރިއަލް ޖީސަސްއާއި ޖަކޫބް ކިވިއޯގެ އިތުރުން ބަދަލަކަށް ނުކުތް ކައި ހަވާޓްސް އެވެ. ލިވަޕޫލް މޮޅުވި މެޗުގައި ކޯޑީ ގަކްޕޯ ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ލުއިސް ޑިއާޒެވެ. ބްރައިޓަންއަށް މެޗުގައި ގޯލުތައް ޖަހައިދިނީ ސިމޮން އަޑިންގްރާއާއި ތާރިގު ލަމްޕްޓޭއެވެ.
ލިވަޕޫލުން ކުއާޓާގައި ސައުތުހެމްޓަންއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ސްޕާސްއިން ނުކުންނަން ޖެހެނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އާސެނަލުން ކުއާޓާގައި ވާދަކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް