އިނގިރޭސި ލީގު ކަޕް ތިންވަނަ ބުރުގައި ރޭ ބްރައިޓަން ކައިރިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ލަދުވެތި ގޮތަކަށް ކަޓައިފިއެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ ބްރައިޓަން ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން ދެ ގޯލް ޖަހާފައި އޮއްވައި، ފަހަތުން އަރައި ބްރައިޓަންއިން ތިން ގޯލް ޖެހި އިރު، އެފަދަ ގޮތަކަށް މީގެ ކުރިން އަމިއްލަ ދަނޑުގައި ބަލިވެފައި އޮތީ 50 އަހަރު ކުރިންނެވެ.
އެފަހަރު ޔުނައިޓެޑް 3-2 އިން ބަލިވީ ޓޮޓެންހަމް ކައިރިންނެެވެ. އެއޯ 1976 ވަނަ އަހަރުއެވެ.
މިދިޔަ ހަފުތާ ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީ ކައިރިންވެސް ޔުނައިޓެޑް ބަލިވެފައި އޮތް އިރު، އެޓީމުގެ އެންމެ ވަރުގަދަ އެކަޑެމީ ތަރި ޖޭޖޭ ގެބްރިއަލް އެ ކްލަބު ދޫކޮށްލަން ނިންމައި، އެކަން ވަނީ އަންގައިވެސްފައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ގޮސް، ރޭގެ ނަތީޖާ ވެގެންދިޔައީ ޔުނައިޓެޑަށް މާޔޫސީ ހަފުތާއެއްގެ ނިމުމަށެވެ.
ބަދަލުތަކަކާއެކު ނުކުތް ޔުނައިޓެޑުން ފުރަތަމަ 10 މިނެޓް ތެރޭގައި ދެ ގޯލް ޖެހިއެވެ. އަށްވަނަ މިނެޓުގައި ޝެއާ ލޭސީ ޖެހި ގޯލުން ޔުނައިޓެޑް ލީޑު ނެގި އިރު، އޭގެ ދެމިނެޓް ފަހުން މޭސަން މައުންޓް ކާމިޔާބުކޮށްދިން ގޯލުން އެޓީމު ލީޑު ފުޅާވެސް ކުރިއެވެ.
އެހެން ނަމަވެސް، ހާފު ނިމުމުގެ ކުރިން ބްރައިޓަންއިން ގޯލެއް ޖަހައި މެޗަށް އަނބުރާ ވަނެވެ. އެ ގޯލް ޖެހީ ޗަރަލަމްޕޯސް ކޮސްޓޫލަސްއެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ޕަސްކަލް ގްރޮސް ޖަހައިދިން ގޯލުން ބްރައިޓަންއިން މެޗު އެއްވަރުކުރިއެވެ.
އެހިސާބުން ކޯޗު ކެރިކް ވަނީ ކޯބީ މައިނޫއާއި ބްރަޔަން އެމްބުއޭމޯވެސް ކުޅެން ނެރެފައެވެ. އެހެންނަމަވެސް އަނެއްކާވެސް ގޯލް ޖެހީ ބްރައިޓަންއިންނެވެ. މެކްސިމް ޑި ކިއުޕާ ޖެހި ގޯލުން ބްރައިޓަންއިން މެޗު އަނބުރާލުމާއެކު ކެރިކް ވަނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއާއި މަތެއަސް ކޫންޏާވެސް ކުޅުމަށް ނެރެފައެވެ. އެހެން ނަމަވެސް ލަދުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
ކޮމެންޓް