އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ލިވަޕޫލުން ޓޮޓެންހަމް ކަޓުވާލި އިރު، އާސެނަލުން އިޕްސްވިޗް ޓައުން ބަލިކޮށް އަނެއް ބުރަށް ދަތުރު ކޮށްފިއެވެ.

ރޭ ލީގު ކަޕްގެ ތިންވަނަ ބުރުގައި ލިވަޕޫލުން ޓޮޓެންހަމް ބަލިކުރީ 3-1 އިންނެވެ. ލިވަޕޫލް އަމިއްލަ ދަނޑުގައި މޮޅުވި އިރު، އާސެނަލުން އިޕްސްވިޗް ބަލިކުރީ 2-4 އިންނެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު މެޗުގެ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ޑިފެންޑަރު ރޮނާލްޑް އަރައުހޯ ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިން ވަނީ ބަދަލުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ލީޑު ނެގީ 21 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އެލެކްސިސް މެކް އަލިސްޓާ ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ލިވަޕޫލުން ލީޑު ފުޅާވެސްކުރިއެވެ. އެ ގޯލަކީ މެކް އަލިސްޓާ ދިން ބޯޅައެއްގައި ކޯޑީ ގަކްޕޯ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައިވެސް ސްޕާސްއިން ގޯލެއް ޖަހަން ކުރި މަސައްކަތުގައި ރަނގަޅު ފުރުސަތުތަކެއް ފަހިކުރި ނަމަވެސް މުހައްމަދު ކުޑޫސްއަށް ލިބުނު ދެ ފުރުސަތެއް ވަނީ ބޭކާރުވެގެން ގޮސްފައެވެ. އަދި އޮމަރު މާމޫޝްއާއި ސާވިއޯއަށް ލިބުނު ބޯޅަތައްވެސް ވީ ބޭކާރެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްއިން އުންމީދެއް ހޯދީ ކޯނޯ ގަލެގާ ޖެހި ގޯލުންނެވެ. އެހެން ނަމަވެސް އޭގެފަހުން އެޓީމަށް މެޗު އެއްވަރު ނުކުރެވިގެން އުޅެނިކޮށް، ޑޮމިނިކް ސޮބޮޝްލާއީ ވަނީ ގޯލް ޖަހައި ލިވަޕޫލަށް މޮޅު ޔަގީން ކޮށްދީފައެވެ.

އާސެނަލުންވެސް ރޭގެ މެޗަށް ނުކުތީ ބަދަލުތަކާއެކުގައެވެ. އެގޮތުން އެންމެފަހުން ލީގުގައި ކުޅުނު މެޗުގެ ފުރަތަމަ 11 އަށް ނުކުތް ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗު ފެށީ ގެބްރިއަލް އެކަންޏެވެ.

އާސެނަލުން ވަނީ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. ޒުވާން ތަރި މެކްސް ޑޯމަން ޖެހި ގޯލުން އެޓީމުން ލީޑު ނެގި އިރު، ހާފު ނިމުމުގެ ކުރިން ނޮނީ މަޑުއޭކޭ ވަނީ ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފު ފެށިތަނުން ޑޯމަން އޭނާގެ ދެވަނަ ގޯލާއެކު އާސެނަލަށް އިތުރަށް ލީޑު ފުޅާކުރި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ މިކޭލް މެރީނޯއެވެ. އަނެއްކޮޅުން އިޕްސްވިޗްގެ ގޯލްތައް ޖެހީ އަނީސް މެހްމެތީއާއި ޗުބާ އަކްޕޯމްއެވެ.