އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގެ ފްލީޓްވުޑް ޓައުންއިން ލީގު ކަޕްގައި އާސެނަލުން ބަލިކޮށްފިއެވެ.

އާސެނަލްގެ ކުރީގެ ސްޓޭޑިއަމް ހައިބަރީގައި ފްލީޓްވުޑުން އާސެނަލް ބަލިކުރީ ޕެނަލްޓީގައި 5-3 އިންނެވެ. އެއީ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައެވެ. ރޭގެ ނަތީޖާ ވެގެން ގޮސްފައި ވަނީ އިނގިރޭސި ލީގު ކަޕްގެ ތާރީހުގައިވެސް އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއަށެވެ. ރޭގެ މެޗުން މޮޅުވެ ފްލީޓްވުޑުން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.

އިނގިރޭސި ޗެމްްޕިއަން އާސެނަލުން ބަދަލުތަކާއެކު މެޗަށް ނުކުތް އިރު، އެންމެ ފުރަތަމަ ގޯލް ޖެހީވެސް ފްލީޓްވުޑުންނެވެ. އެޓީމުން ވަނީ 21 ވަނަ މިނެޓުގައި ލީޑު ނަގައި އާސެނަލް ސިއްސުވާލައިފައެވެ. ގޯލް ޖަހައިދިނީ އާރޮން ލޫޕަލޯ-ބައިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އާސެނަލްގެ ވިކްޓޯ ޔޯކެރޭޝަން މެޗު އެއްވަރުކޮށްދިން ނަމަވެސް ދެން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ރަނގަޅަކަށް ނުހިފުނެވެ. މެޗުގެ ފަހުކޮޅުގައި ތަފާތު ދެއްކީ ފްލީޓްވުޑްގެ ކީޕަރު ޖޭ ލިންޗެވެ. އޭނާ ވަނީ ފަހުކޮޅުގައި މާޓިން އޮޑެގާޑާއި ބެން ވައިޓްގެ ހަމަލާތައްވެސް މަތަކޮށްފައެވެ.

ޕެނަލްޓީއަށް ދިޔަ އިރު، އާސެނަލްގެ ޒުވާން ތަރި މެކްސް ޑޯމަންއަށް އޮތީ ރަތެއް ދައްކައިފައެވެ. އެއީ 86 ވަނަ މިނެޓުގައި ހެރިސަން ނީލްއަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

ޕެނަލްޓީގައިވެސް ފްލީޓްވުޑްގެ ކީޕަރު ބްރޫނޯ ގިމަރޭޝްގެ ޕެނަލްޓީ މަތަކޮށްފައެވެ. އެ މޮޅާއެކު ސަޕޯޓަރުން ވަނީ އުފާފާޅުކުރުމުގެ ގޮތުން ދަނޑަށްވެސް އަރައިގަނެފައެވެ.