އިނގިރޭސި ލީގު ކަޕްގައި މެންޗެސްޓާ ސިޓީއާއި ޗެލްސީންވެސް ރޭ ކުޅުނު މެޗުތައް ޕެނަލްޓީގައި ކާމިޔާބުކޮށް، ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސިޓީން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ދެން ޖެހި ޕެނަލްޓީގައި ސިޓީން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލާއި ޗެލްސީން އެންފީލްޑްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ލިވަޕޫލް މޮޅުވީ 6-5 ގެ ނަތީޖާއަކުންނެވެ.

ރޭ ސިޓީން ކުޅުނު މެޗުގައި ތަފާތު ދެއްކީ އެޓީމުގެ ގޯލް ބަލަހައްޓަން ނުކުތް ޖެރޮނީމޯ ރުލީއެވެ. އޭނާ ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ބްރައިޓަންއިންނެވެ. މަލިކް ޔަލްކޯޔޭ ޖެހި އެ ގޯލާއެކު ސިޓީއަށް ރައްދު ދޭން ޖެހުނު އިރު، މަޓެއޯ ކޮވަސިޗް ވަނީ މާގިނައިރެއް ނުވެ 10 މިނެޓް ފަހުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް، ޖޯޖީނިއޯ ރަޓާ ވަނީ އަނެއްކާވެސް ބްރައިޓަންއަށް ލީޑު ނަގައިދީފައެވެ.

އެހެން ނަމަވެސް ރަޔަން ޗާކީ ތަނަވަސްކޮށްދިން ބޯޅައިގައި ވީޓޯ ރެއިސް ޖަހައިދިން ގޯލާއެކު ސިޓީން ދެވަނަ ފަހަރަށް އެއްވަރުކުރިއެވެ. ބްރައިޓަންގެ ލެވިސް ޑަންކާއި ޔާސިން އަޔާރީ އަތުން ޕެނަލްޓީ ނާކާމިޔާބުވި އިރު، ސިޓީއަށް ނާކާމިޔާބުވީ ހަމައެކަނި ކޮވަސިޗްގެ ޕެނަލްޓީއެވެ.

ޗެލްސީއާއި ލިވަޕޫލް ވާދަކުރި މެޗުގައި ދެޓީމުގެވެސް ގޯލްތައް ފެނުނީ ޕެނަލްޓީގައެވެ. 40 ވަނަ މިނެޓުގައި މޯގަން ރޮޖާސް ޗެލްސީއަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުންނެވެ. އެއީ ރަޔަން ގްރަވެންބާޗް، މޮއިސެސް ކައިސޭޑޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އޭގެ އިރުކޮޅެއްފަހުން ވެސްލޭ ފޮފާނާ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީގައި ކޯޑީ ގަކްޕޯ ވަނީ މެޗު އެއްވަރު ކޮށްދީފައެވެ.

އޭގެފަހުން ދެވަނަ ހާފުގައި ދެޓީމުންވެސް ނުރައްކާކުރިއެވެ. އެހެން ނަމަވެސް މައިކް ޕެންޑާސްއާއި ޖޯޖީ މާމަޑާޝްވިލީގެ ރަނގަޅު ސޭވްތަކަކާއެކު މެޗު ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި ޗެލްސީގެ ވެލެންޓީން ބާކޯއާއި އެމަނުއެލް އެމެގާ އަދި ފޮފާނާ ޖެހި ޕެނަލްޓީތައްވެސް ވީ ނާކާމިޔާބެވެ. ލިވަޕޫލަށް ނާކާމިޔާބުވީ ގްރެވެންބާޗާއި ކޮންސްޓަންޓީނޯސް ސިމިކަސް ޖެހި ޕެނަލްޓީތައް އެކަންޏެވެ.