ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ބަޔާން މިއުނިކް ބަލިކުރި އިރު، މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ވެސް ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ބާސާއިން 4-1 އިން ސްޕެއިންގައި ބަޔާން ބަލި ކުރި އިރު، ސިޓީން އަމިއްލަ ދަނޑުގައި ރޭ ސްޕާޓާ ޕްރާގް ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. އަދި ލިވަޕޫލުން ރަށުން ބޭރުގައި އާރްބީ ލެއިޕްޒިކް ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ޔޫރަޕްގެ ގަދަ ދެ ބާރު ކަމަށްވާ ބާސާ އާއި ބަޔާން ރޭ ކުރިމަތިލި މެޗު ވަރުގަދަކޮށް ފެށީ ބާސާއިންނެވެ. އެ ޓީމުން ފުރަތަމަ މިނެޓުގައި ލީޑު ނެގިއެވެ. ބަޔާން ޑިފެންސް މަތިން ކުރިއަށް ދުއްވާލި ބޯޅައަކަށް މަސައްކަތް ކޮށް، ބްރެޒިލްގެ ރަފީނިއާ ވަނީ ގޯލްކީޕަރު މެނުއަލް ނޯޔާ ކައިރިން ނައްޓާލާފައި ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އިންގްލެންޑް ކެޕްޓަން ހެރީ ކޭން، ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެއީ ސާޖް ގްނަބެރީގެ ހުރަސް ގޯލަށް ވައްދާލައިގެންނެވެ.

އެ ގޯލާ އެކުވެސް ބާސާއަށް ހުއްޓުމެއް ނެތެވެ. ބަޔާންގެ ފަހަތުން މާ ބޮޑަށް ކުރިއަށް ޖެހި ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބާސާގެ އެޓޭކް ލައިން ހިފަހައްޓަން އެ ޓީމަށް ޗެލެންޖުތަކެއް ކުރިމަތިވިއެވެ. އެގޮތުން ބާސާއިން ހާފު ނިންމާލީ އިތުރު ދެ ގޯލު ޖަހައިގެންނެވެ.

އެއީ ފާމިން ލޮޕޭޒްގެ ޕާހަކުން ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލެއްގެ އިތުރުން ރަފީނިއާ ޖެހި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވަނީސް ބާސާއިން އިތުރު ގޯލެއް ޖެހިއެވެ. ރަފީނިއާގެ އެ ގޯލާ އެކު އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ބާސާއަށް މުހިއްމު މޮޅެއް ހޯދައިދިނެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި އާލިން ހާލަންޑްގެ ހިތްގައިމު ގޯލެއް ފެނިގެން ދިޔަ އިރު، މެޗުގައި އޭނާގެ ދެ ގޯލު ފެނުނެވެ. އޭގެ އިތުރުން ފިލް ފޮޑެން އާއި ޖޯން ސްޓޯންސްގެ އިތުރުން މަތެއަސް ނުނޭސް ސިޓީއަށް ގޯލުތައް ޖަހައިދިން އިރު، އެޓީމުން ތިން މެޗުން ދެވަނަ މޮޅެއް ހޯދިއެވެ.

ލިވަޕޫލުން މިހާތަނަށް ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައިވާ އިރު، ރޭ އެ ޓީމުން މޮޅުވީ ޑާވިން ނުނޭޒް ޖަހައިދިން ގޯލަކުންނެވެ. މިހާތަނަށް މި ސީޒަނުގައި ނުނޭޒަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައި ނުވާ އިރު، ރޭ ފުރަތަމަ 11 އަށް ނުކުމެ އޭނާ ގޯލު ޖެހީ 27 ވަނަ މިނެޓުގައެވެ.

ލިވަޕޫލުން އާ ކޯޗު އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗު، އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، އެޓީމު ތާވަލުގެ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި އެސްޓަން ވިލާ އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިވަގުތު ސިޓީ، ތިންވަނައިގައި އޮތް އިރު، ބާސާ ވަނީ ރޭ ހޯދި މޮޅާއެކު 10 ވަނައަށް ޖެހިލައިފައެވެ.