މިދިޔަ ދެ އަހަރު ވެސް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށް، މިއަހަރު ގައުމީ ވޮލީ ލީގު ވެސް ކާމިޔާބު ކުރި ވެމްކޯއިން މިއަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ވެމްކޯއިން ގައުމީ މުބާރާތުގެ ފައިނަލް ޔަގީން ކުރީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ޕޮލިސް ކްލަބު ބަލިކޮށްގެންނެވެ. ގައުމީ މުބާރާތުގައި ލީގުގެ އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމު ވާދަކުރަމުންދާ އިރު، ދެވަނަ ސެމީގައި ވާދަކުރީ ލީގުގެ އެއްވަނަ ވެމްކޯ އާއި ދެވަނަ ޕޮލިސް ކްލަބެވެ. އަދި ފުރަތަމަ ސެމީގައި އިއްޔެ ވާދަކުރީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބެވެ.

ދެވަނަ ސެމީން ސީދާ ފައިނަލަށް ޖާގަ ލިބޭ ނަމަވެސް، ފުރަތަމަ ސެމީން މޮޅުވާ ޓީމު ދާނީ އިތުރު ސެމީ މެޗަކަށެވެ. އެ މެޗުގައި ވާދަކުރާނީ ދެވަނަ ސެމީން ބަލިވި ޕޮލިސް ކްލަބާ ދެކޮޅަށެވެ. ތިންވަނަ ސެމީގައި ޔޫތު ނިއު ޖެނެރޭޝަނާއި ޕޮލިސް ވާދަކުރާ އިރު، ލަފާކުރެވޭ ގޮތުގައި މިފަހަރު ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރާނީ ޕޮލިހާއި ވެމްކޯއެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ޔޫތު ނިއު ޖެނެރޭޝަނުން ހިންމަފުށި ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޔޫތު ނިއު ޖެނެރޭޝަނުން 25-13، 25-17 އިން ގެންގޮސްފައި ވަނިކޮށް، އަނެއް ސެޓު ހިންމަފުށިން 25-20 އިން ގެންގޮސްފައިވާ އިރު، ހަތަރު ވަނަ ސެޓު ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ 27-25 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ޔޫތު ނިއު ޖެނެރޭޝަންގެ ވިފާދާ މިންގްކްވާންއެވެ.

ރޭ ކުޅުނު ދެވަނަ ސެމީގައި ވެމްކޯ ފެނުނީ ތަފާތު ފޯމެއްގައެވެ. އެ މެޗުގައި ވެމްކޯއިން ވަނީ ޕޮލިސް ކްލަބު، ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 25-17، 25-23 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާއެވެ.

ގައުމީ އަންހެން ވޮލީ މުބާރާތުގެ ތިންވަނަ ސެމީ މެޗު އޮންނާނީ މިރޭ 8:30 ގައެވެ.