ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ގައުމީ ވޮލީ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ، ޕޮލިސް ކްލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ތިންވަނަ ސެމީ ފައިނަލް މެޗުގައި ޕޮލިހުން އެޗްޑީސީގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. ޕޮލިހުން ފައިނަލުގައި ނުކުންނަ ސިފައިންނަކީ ފުރަތަމަ ސެމީގައި ޕޮލިހުން ކައިރި ކުރިހޯދި ޓީމެވެ. އެޗްޑީސީން ރޭގެ ސެމީއަށް ނުކުތީ ދެވަނަ ސެމީ މެޗު އެޓީމަށް ލިބުމުންނެވެ. އެއީ ކުޅުންތެރިންގެ އައިޓީސީ އެގްރިމެންޓަށް ގެންނަން ޖެހުނު ބަދަލުގެ މައްސަލަ ހަމަނުޖެހިގެން އެމްޓީސީސީން އެމެޗު ދޫކޮށްލުމުންނެވެ.

ގައުމީ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:30 ގައެވެ.

ރޭގެ މެޗު ރަނގަޅަށް ފަށައި، ޕޮލިހުން ވަނީ ފުރަތަމަ ދެ ސެޓު ގެންގޮސްފައެވެ. އެއީ 24-26، 21-25 އިންނެވެ.

މުހައްމަދު ޝަރަފްގެ ކޯޗުކަމުގައި ކުޅެމުންދިޔަ އެޗްޑީސީން ތިންވަނަ ސެޓު ގެންގޮސްފައި ވަނީ 25-20 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް، ހަތަރުވަނަ ސެޓުގައި އަނެއްކާވެސް ޕޮލިހުން ކުޅުން ރަނގަޅުކުރިއެވެ. ޕޮލިހުން ހަތަރު ވަނަ ސެޓު ގެންދިޔައީ 18-25 ގެ ނަތީޖާއަކުންނެވެ.

އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަށް ރޭގެ މެޗުގައި ވަނީ އަނިޔާވެފައެެވެ.