ދިވެހި ސިފައިންގެ ކްލަބުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގައުމީ ވޮލީ މުބާރާތް ކާމިޔާބުކޮށް، ތަށި މިލްކުކޮށްފިއެވެ.
މިފަހަރު ފިރިހެން ވޮލީ ސީޒަނުގެ ތިން މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފައިވާ އިރު، ސިފައިންނަކީ މީގެ ކުރިންވެސް އެންމެ ފުރަތަމަ އެ ކާމިޔާބީ ހޯދި ޓީމެވެ. 2010 ވަނަ އަހަރު ސިފައިން މުޅި ސީޒަން އެއްކޮށް ކާމިޔާބުކޮށް، އެ ރެކޯޑު ހެދި އިރު، އޭގެފަހުން އެ ކާމިޔާބީ ހާސިލުކުރީ 2022 ވަނަ އަހަރު ސްޕޯޓްސް ކްލަބު ސިޓީންނެވެ.
ރޭގެ ތަށްޓާއެކު ސިފައިން ވެގެން ގޮސްފައި ވަނީ އެ ކާމިޔާބީ ތަކުރާރުކުރި ފުރަތަމަ ޓީމަށެވެ.
މިދިޔަ ސީޒަނުގައި އެޗްޑީސީން ލީގާއި ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ގައުމީ މުބާރާތަށް ނުކުތީ ތިން ތަށި ހޯދަން ނަމަވެސް، ސިފައިން ވަނީ އެޓީމުގެ މައްޗަށް ކުރި ހޯދައިފައެވެ.
މިފަހަރުގެ ސީޒަނަށް ސިފައިން ޓީމު ވަރުގަދަކޮށްގެން ނުކުމެފައިވާ އިރު، ރޭ އެޗްޑީސީގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލުގައި، ސިފައިން ފުރަތަމަ ސެޓު ގެންދިޔައީ 25-21 އިންނެވެ. ދެވަނަ ސެޓުގައި ސިފައިން ބޮޑު ލީޑެއްގައި އޮވެގެން 25-14 އިން ސެޓު ގެންގޮސްފައިވާ އިރު، ތިންވަނަ ސެޓު ވާދަވެރިކޮށް ގޮސް، ސިފައިން ކާމިޔާބުކުރީ 24-26 އިންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ޓީމުގެ ހުސައިން ޝާހިދު (ޝާޑު) އާއި ހުސައިން ރަޒާން އަދު އެޗްޑީސީގެ އިސްމާއީލް ސާޖިދެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިންނަކީ ސިފައިން ކްލަބުގެ ޗިރާގާއި ލުއިޒް އަދި އެޗްޑީސީގެ ގިރާލްޑޯއެވެ.
ގައުމީ މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސިފައިން ކްލަބުގެ ޖުނައިދު އަބްދުﷲ އެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް