ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ގައުމީ ވޮލީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ދިވެހި ސިފައިން ކްލަބުން ހޯދި އިރު، ކްލަބް އެމްޓީސީސީން މެޗު ދޫކޮށްލުމުން ކްލަބް އެޗްޑީސީ ތިން ވަނަ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް ފެށީ އެއް ދުވަސް ފަހުންނެވެ. އެއީ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ)އާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުކުރަން ކްލަބްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރެއްގެ މެދުގައި ގައުމީ ވޮލީބޯޅަ މުބާރާތް ކުޅެވެމުންދާ އިރު، މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީގެ ލެވަލް އެކެއްގެ މުބާރާތެއްގެ ގޮތުގައެވެ. އެހެންކަމުން އައިޓީސީ އެގްރީމެންޓްތައް ބަދަލުކުރަން ޖެހިފައިވެއެވެ.
ހަބަރު ލިބިފައިވާ ގޮތުގައި އެގްރީމެންޓްތައް ބަދަލުކުރުމަށް އާ އެގްރީމެންޓްތައް ވީއޭއެމްއިން ފޮނުވީ އިއްޔެ މެންދުރު ފަހުއެވެ. މެޗު ކުޅެން އެމްޓީސީސީ ޓީމުން ސޯޝަލް އިންޑޯ އަށް ދިޔަ ނަމަވެސް މެޗު ކުޅެފައެއް ނުވެ އެވެ. އެއީ، އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ކަންކަން ފުރިހަމަ ކުރުމަށް ސޮއިނުކުރާތީއެވެ. އެނގިފައިވާ ގޮތުގައި އެމްޓީސީސީއަށް ސޮއިނުކުރެވުނީ ގާނޫނީ ގޮތުން އެކަމުގައި ބަލަން ޖެހޭ ކަންކަން ހުރުމުންނެވެ.
އެމްޓީސީސީ އިއްޔެގެ އެމެޗު ނުކުޅެން ނިންމުުމުން، އެޗްޑީސީ މޮޅުވީ ކަމަށް ނިންމީ، ތިން ސެޓު ވެސް 25-0 އިންނެވެ.
މުބާރާތުގައި ރޭ ކުޅެފައިވަނީ، ގައުމީ ލީގު ޗެމްޕިއަންކަން ހޯދި ސިފައިންނާއި ލީގުގެ ދެވަނަ ހޯދި ޕޮލިސް ކްލަބެވެ. އެމެޗު 3-2 ސެޓުން ކާމިޔާބުކޮށް، ސިފައިން ވަނީ ގައުމީ ފައިނަލުގެ ޖާގަ ހޯދައިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓު 22-25 އިން ޕޮލިސް ގެންދިޔަ އިރު، ދެވަނަ ސެޓު، 26-24 އިން ގެންގޮސް ސިފައިން މެޗު އެއްވަރުކުރި އެވެ. އަދި، ތިންވަނަ ސެޓު، 25-15 އިން ގެންގޮސް ސިފައިން ލީޑެއް ނަގާފައި ވަނިކޮށް، ހަތަރު ވަނަ ސެޓު، 21-25 އިން ގެންގޮސް ޕޮލިހުން އެއްވަރުކުރިއެވެ. ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުން ސިފައިން މޮޅުވީ 15-12 އިންނެވެ.
ގައުމީ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުގައި މިރޭ ފައިނަލުގެ ޖާގަ އަކަށް ޕޮލިހާއި އެޗްޑީސީ ބައްދަލުކުރާނެއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ކޮމެންޓް