އުޒްބެކިސްތާނުގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕް 2024ގެ ލީގު ބުރުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި މިއަދު އަފްގާނިސްތާން ކައިރިންވެސް ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.

މިއަދުގެ މެޗުގައި ރާއްޖެ އަތުން ސެޓުތައް ދިޔައީ 25-19، 25-18 އަދި 28-26 އިންނެވެ. ލީގު ބުރުގައި މިހާތަނަށް ރާއްޖެއިން ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާ އިރު، ފުރަތަމަ މެޗުގައި ކިރިގިސްތާން ކައިރިން ބަލިވީވެސް ސީދާ ތިން ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ.

މިއަދުގެ ބައްޔާއެކު ރާއްޖެއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު ގެއްލި، ލޯ މެޑަލްއަކަށްވެސް ގާތްގަނޑަކަށް ވަނީ އުންމީދު ގެއްލިފައެވެ. މިހާރު އޮތް ގޮތުން ރާއްޖެއަށް ދެން ތަޖިކިސްތާން މެޗަށްފަހު ކުޅެން ޖެހޭނީ ރޭންކިން މެޗެވެ. ރާއްޖެއިން ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ރަނގަޅަށް ވާދަކުރި ނަމަވެސް، ސެޓުގެ ފަހުކޮޅަށް ގޮސް ރާއްޖެ އަތުން އަމިއްލަ ގޯސްތައް ހެދި، އަފްގާނިސްތާނުން ލީޑު ފުޅާކުރިއެވެ. ހާއްސަކޮށް ރާއްޖެ އަތުން ގިނަ ސާވިސްތަކެއް ގެއްލިގެން ގޮސްފައިވެއެވެ.

ދެވަނަ ސެޓުގައިވެސް ރާއްޖެއިން ވާދަކުރިއެވެ. ހާއްސަކޮށް ސެޓުގެ ކުރީކޮޅުގައި ދާދި ހަމަހަމަކޮށް ފެނިގެން ދިޔަ ނަމަވެސް، އެ ކޮންޓްރޯލް ގެއްލުނީ ރިސީވިންނާއި ޑިފެންސްގެ މައްސަލަތައް ގިނަވެގެންނެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓުވެސް އަފްގާނުން ފަހުކޮޅުގައި ރަނގަޅު ލީޑެއް ނަގައިގެން ގެންދިޔައެވެ.

މެޗުގެ ފަހު ސެޓުގައި ރާއްޖެއިން ރަނގަޅު ވާދައެއް ކުރިއެވެ. ރަނގަޅު ޑިފެންސްތަކެއްވެސް އެ ސެޓުގައި ފެނުނު އިރު، އެންމެ ފަހުވަގުތާ ހަމައަށް ޖެހެންދެންވެސް ރާއްޖެއިން އެ ސެޓުގައި ހިތްވަރުކުރިއެވެ. ވާދަވެރިކޮށް ދިޔަ ސެޓު ރާއްޖެއަށް ގެއްލުނީވެސް ހަނިކޮށެވެ.