އުޒްބެކިސްތާނުގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕް 2024ގެ ކްލެސިފިކޭޝަން މެޗުގައި ރާއްޖެއިން ތަޖިކިސްތާން ބަލިކޮށްފިއެވެ.
މިފަހަރުގެ ކާވާ ޗެލެންޖް ކަޕް ރާއްޖެއަށް ދިޔައީ ދަށްކޮށެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ރާއްޖެއަށް ލީގު ބުރުގައި ބަލިކުރެވުނީވެސް ތަޖިކިސްތާން އެކަންޏެވެ. ފުރަތަމަ މެޗުގައި ކިރިގިސްތާން ކައިރިން ބަލިވީވެސް ސީދާ ތިން ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. އޭގެފަހުން އަފްގާނިސްތާނާއި އުޒްބެކިސްތާން އަތުންވެސް ސީދާ ތިން ސެޓުން ރާއްޖެ ބަލިވެފައިވާ އިރު، ލީގު ބުރުގައި ރާއްޖެއިން ތަޖިކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ.
މިއަދުގެ މެޗުގައިވެސް ރާއްޖެއިން ތަޖިކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. މިއަދުގެ ފުރަތަމަ ދެ ސެޓު ރާއްޖެއިން ގެންދިޔަ އިރު، އެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 25-17، 25-16 އިންނެވެ. އެ ދެޓު ގެންގޮސް ރާއްޖެއިން މެޗު ކާމިޔާބުކުރުމާ ގާތަށް ޖެހިލި ނަމަވެސް ދެން ކުޅުނު ސެޓު ގެންދިޔައީ ތަޖިކިސްތާނުންނެވެ. އެއީ 25-23 އިންނެވެ.
އެ ސެޓު ގެއްލުނު ނަމަވެސް، ހަތަރުވަނަ ސެޓުގައި ރާއްޖެއިން ފޯކަސް ގެއްލުވާނުލައި، 22-25 އިން ސެޓު ގެންގޮސް، މެޗު ކާމިޔާބުކުރިއެވެ.
ކާވާ ޗެލެންޖް ކަޕްގެ ފައިނަލުގައި މިފަހަރު ވާދަކުރީ ހޯސްޓް އުޒްބެކިސްތާނާއި ކިރިގިސްތާނެވެ. އެ މެޗު ކިރިގިސްތާނުން ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވާ އިރު، ސެޓުތައް އެޓީމުން ގެންދިޔައީ 28-26، 25-19 އަދި 25-20 އިންނެވެ.
ފައިނަލް މެޗަށްފަހު އެކިއެކި މަގާމުތަކަށް ޓްރޮފީ ހަވާލުކުުރުމަށް ނިންމުމުގެ އިވެންޓެއް ބާއްވާފައިވާ އިރު، މުބާރާތުގެ ބެސްޓް ސްކޯރާއަކީ ރާއްޖޭގެ ކެޕްޓަން އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.
ކާވާ ޗެލެންޖް ކަޕް
ކާވާ ޗެލެންޖް ކަޕް
ކާވާ ޗެލެންޖް ކަޕް