ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، އަލީ ހުޒާމް (ހުޒަންޓެ) ވެސް ހިމަނައިގެން ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ މެންސް ނޭޝަންސް ކަޕަށް ސްކޮޑު އިއުލާނުކުރިއެވެ.

ހުޒަންޓެ އެނބުރި ގައުމީ ސްކޮޑަށް ނުކުމެފައި މިވަނީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެފަހުން ހުޒަންޓެ ގައުމީ ޓީމަށް ކުޅެފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު، މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައެވެ. އެފަހަރު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައި ވަނީ ހުޒަންޓެއެވެ.

މިފަހަރުގެ ކާވާ ފިރިހެން މުބާރާތް ބަންގްލަދޭޝްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ޓީމު މިހާރު އޮތީ ފުރަން ތައްޔާރުވެފައެވެ. ސްކޮޑު އިއުލާނު ކުރުމާއި ޖާޒީ ހަވާލުކުރުމަށް އިއްޔެ ސޯޝަލް ސެންޓަރުގައި ހާއްސަ އިވެންޓެއް ބާއްވާފައިވާ އިރު، އެ އިވެންޓްގައި ނައިބު ރައީސް އަލް އުސްތާޒް ހުސެއިން މުހައްމަދު ލަތީފާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންފައިވެއެވެ.

ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ޓީމަށް ކާމިޔާބަށް އެދިވަޑައިގެން ހިތްވަރު ދެއްވާފައިވާ އިރު، މިފަހަރު ޓީމުގެ ކޯޗަކީ މުހައްމަދު ޝަރަފެވެ.

ރާއްޖޭގެ ވޮލީ ސްކޮޑު

  • އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)
  • އަލީ ހުޒާމް (ހުޒަންޓެ)
  • އާދަމް ފައިރޫޒް
  • ހުސެއިން ޝާހިދު (ޝާޑު)
  • ހުސެއިން ވިޝާމް (ބުޅިކެ)
  • ހުސެއިން ޔޫސުފް (ޓޯއި)
  • އަލީ ނިމާލް
  • ހަސަން ނިލާމް
  • ޝަމާއިލް ހުސެއިން
  • މުހައްމަދު މިމްރާހު ހަސަން (މިންމި)
  • މުހައްމަދު ނައީމް (ނައިންޓޭ)
  • ހުސެއިން ރަައްޒާން
  • ޝާމިލް މުހައްމަދު
  • އިޔާން އަލީ

ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން އިޔާންއަކީ ޓީމަށް މުޅިން އަލަށް އެރި ޒުވާން ކުޅުންތެރިއެކެވެ.