ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ހުޅުމާލެ ކޯޓުން ކުރި އަމުރުގައި ވަނީ ބައްސާމް ގަތް އެޕާޓްމަންޓުތައް މި މަހުގެ ހަވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށެވެ. ނަމަވެސް އެ އެޕާޓްމަންޓުތައް ބައްސާމް ފުލުހުންނާ ހަވާލުކުރީ މި މަހުގެ އަށްވަނަ ދުވަހުއެވެ.
ހައިކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އެ އަމުރު ބައްސާމުގެ ފަރާތުން ހަމަ އެ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ އިސްތިއުނާފީ މައްސަލަ ބަލައިގަތުމާމެދު އަދި އެ ކޯޓުން ގޮތެއް ނިންމައިފައެއް ނުވެއެވެ. އެ މައްސަލަ އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ.
ފުލުހުން ބުނެފައިވާ ގޮތުން ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރު ލޯނު ބޭނުންކޮށްގެންނެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ވަނީ ފޮނުވައިފައެވެ. އެއީ ބައްސާމްގެ އިތުރުން މ. ހިރިނައިދޫ، ހަސަން ވަހީދު އާއި ގއ. ގެމަނަފުށި/ ފެހިކުރި، މުހައްމަދު އަގީލް، 35 އެވެ. އޭގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވެއެވެ. އެ ފަރާތްތަކަށް ފުލުހުން ތުހުމަތު ކުރަނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށެވެ.
ޚަބަރު
ޚަބަރު
ޚަބަރު