ގައުމީ އަންހެން ވޯލީ ލީގުގެ ލީގު ބުރުގައި އިއްޔެ ވެމްކޯއާއި ޕޮލިސް ކްލަބު އަދި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

މިފަހަރު އަންހެން ވޮލީ ލީގު އިއްޔެ ފެށި އިރު، މިއީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަންހެން ޑިވިޝަނުގެ ލީގު ބާއްވާ ފުރަތަމަ ފަހަރެވެ. 2017 ވަނަ އަހަރު ބޭއްވި ގޮތަށް އަންހެން ވޮލީ ލީގު މެދުކެނޑިފައި އޮތްއިރު، މިދިޔަ އަހަރުވެސް ބޭއްވީ އަންހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ދަނީ ވާދަކުރަމުންނެވެ. އެއީ ވެމްކޯގެ އިތުރުން ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް، ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އަދި އަސްދިގަ ސްޕޯޓްސް ކްލަބެވެ.

މުބާރާތް ލީގު އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ފަހު މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ފުރަތަމަ މެޗުތައްވެސް ކާމިޔާބުކޮށްފައި އޮތް ޕޮލިހާއި ވެމްކޯ އިއްޔެވެސް މޮޅުވި އިރު، ވެމްކޯ އިން ގުޑީސް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ 25-08، 25-06 އަދި 25-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސެޓަރު ޖޫޒާން ޒަރީރެވެ.

ޕޮލިސް ކްލަބުން ދެވަނަ މެޗުގައި އަސްދިގަ ސްޕޯޓްސް ކްލަބު ކައިރިން މޮޅުވީވެސް ސީދާ ތިން ސެޓުންނެވެ. ޕޮލިހުން މެޗުގެ ސެޓުތައް ގެންދިޔައީ 25-10، 25-06 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކްލަބުގެ ޓަންޔާޕްރޯން ސީސޯއެވެ.

ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނުން ފުރަތަމަ މޮޅެއް އިއްޔެ ހޯދީ ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ވޮލީބޯލް ޔޫތު ނިއު ޖެނރޭޝަނުން ގެންދިޔައީ 25-08، 25-20 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވޮލީބޯލް ޔޫތު ނިއު ޖެނރޭޝަންގެ ވިފާޑާ މިންގްވާންއެވެ.