ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ ގްރޫޕް އެފްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާ ކައިރިން ބަލިވެއްޖެއެވެ.

އިންޑޮނޭޝިއާ ޖަކާޓާގެ ގެލޯރާ ބަންގް ކާނޯ މަޑްޔާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖެ ކައިރިން އިންޑޮނޭޝިއާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުން ދާދިފަހުން ސާފްގެ 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، މިފަހަރުވެސް ޓީމުގެ ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރާނީ ގްރޫޕް އެފްގައެވެ. ގްރޫޕް މެޗުތައް އިންޑޮނޭޝިއާގެ ޖަކާޓާގައި ހޯސްޓް ކުރަމުންދާ އިރު، އިންޑޮނޭޝިއާއާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ ޔަމަނާއި އީސްޓް ޓިމޯއެވެ.

ސާފް 20 އަހަރުން ދަށު މުބާރާތުގައި ވާދަކުރި ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކަކަށް މިފަހަރު މުބާރާތަށް އެކި ސަބަބާހުރެ ދެވިފައި ނުވާ އިރު، ޓީމު އޮތީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެހެންކަމުން މިފަހަރު އާ ބައެއް ކުޅުންތެރިންނާއެކު އަނެއްކާ މުބާރާތަށް ދާން ޖެހުން ވެގެންދިޔައީ ރާއްޖެއަށް ޗެލެންޖަކަށެވެ.

އާސިއާން ސަރަހައްދުގައި ފާހަގަކޮށްލެވޭ އިންޑޮނޭޝިއާއިން މިއަދުގެ މެޗުގައި ރަނގަޅަށް ކުޅެފައިވާ އިރު، އެޓީމަށް ގޯލެއް ޖެހިޔަ ނުދީ ފުރަތަމަ ހާފުގައި ރާއްޖެއިން ރަނގަޅަށް ޑިފެންސް ކުރިއެވެ. އެހެން ނަމަވެސް ދެވަނަ ހާފު ފެށިގެން ހާފުގެ ކުރީކޮޅުގައި އިންޑޮނޭޝިއާއިން ފުލުފުލުގައި ރާއްޖެ ކޮޅަށް ތިން ގޯލު ޖެހިއެވެ.

އެ ގޯލުތައް ޖެހީ އަދިތިޔާ ވަރްމާނާއި ބަދަލަކަށް ނުކުތް ފީގޯ ޑެނިސް ސަޕުތުރަނަންޓޯ އަދި ޓޯނީ ފިރްމަންސިޔާއެވެ. އޭގެފަހުން އިންޑޮނޭޝިއާއިން މެޗު ކޮންޓްރޯލްކޮށް، އެޓީމުގެ ހަތަރުވަނަ ގޯލު ޖެހީ 66 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ޖެނިސް ރާވެންއެވެ.

ރާއްޖެއިން ދެން ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ޔަމަނާ ދެކޮޅަށެވެ.