އިޓަލީގެ ސަން ސީރޯގައި 2027 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ގޮތަށް ކުރިން ނިންމާފައި އޮތް ނަމަވެސް، އެ ނިންމުން ބަދަލުކޮށް ފައިނަލް މެޗު ކުޅޭނެ ސްޓޭޑިއަމެއް ހޯދުމަށް ޔޫއެފާއިން އަލުން ބިޑަށް ހުޅުވާލައިފިއެވެ.

ޔޫއެފާއިން ކުރިން ނިންމާފައި އޮތީ 2027 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ސަން ސީރޯގައި ހޯސްޓް ކުރުމަށެވެ. އެހެން ނަމަވެސް އެ ސްޓޭޑިއަމްގައި ފައިނަލް ނުކުޅެން ނިންމާފައި ވަނީ ސަން ސީރޯގެ މަރާމަތުގެ މަސައްކަތް ދިގުލައިގެން ދާނީ ކިހާ މުއްދަތަކަށް ކަން ޔަގީން ނުވާތީއާއި، އެ މަސައްކަތްތަކުގެ ސަބަބުން ޗެމްޕިއަންސް ލީގު ފައިނަލަށް އަސަރެއް ނުކުރާނެކަން މިލާނުގެ ކަމާބެހޭ ފަރާތްތަކަށް ޔަގީންކޮށް ނުދެވުމުންނެވެ.

ސަން ސީރޯގެ ތާރީހީ ސްޓޭޑިއަމް ހުރި ސަރަހައްދުގައި އާ ސްޓޭޑިއަމެއް އެޅުމަށް އެ ސްޓޭޑިއަމް ބޭނުންކުރާ ދެ ކްލަބު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާނުން މަސައްކަތް ކުރަމުން ދާ އިރު، އެ ސްޓޭޑިއަމްގައި 2027 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލް ނުކުޅެން ނިންމީ ޔޫއެފާގެ އެކްސްކޯ ބައްދަލުވުމެއްގައެވެ.

މިހާރު އޮތް ގޮތުން 2027 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނެ ދަނޑެއް ދެން އިއުލާނުކުރާނީ އަންނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ.