މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި މީހަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން ޑްރައިވަރުގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ރަނާއެވެ. އޭނާ މަރުވެފައިވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާގެ އިތުރުން އެހެން މީހެއް ވެސް އެއިރު ސައިކަލުގައި އިނެވެ. އެއީ ވެސް ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝެއިހު ޝުވައިބެވެ. އޭނާއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކާރު ދުއްވަން އިން ކ. ކާށިދޫ، ކެތި، މައުސޫމް ހަލީމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މައުސޫމް ހަލީމުގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާކުރީ ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލުގައި ދުއްވަން އިން މަސްއޫދު ރާނާ ކާރު ދަށުގައި ތާށިވެ، އޭނާ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވުމުގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކުރީ ސައިކަލު ފަހަތުގައި އިން ސޮވައިބް ޝައިހު ކާރު ދަށުގައި ތާށިވެ، ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ މައުސޫމް ހަލީމްގެ މައްޗަށް ކުރީ އޭނާ ދުއްވި ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.