ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމާ ވަގުތީގޮތުން ހަވާލުވެފައިވާ ނޯމަލައިޒޭޝަން ކޮމިޓީއާ ބައްދަލުކުރުމަށް ފީފާގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އެފްއޭއެމްގެ ކަންކަން އިތުރަށް ބެލުމަށާއި، ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތާ ގުޅޭގޮތުން ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ފީފާއިން ރާއްޖެ އަންނަން ހަމަޖެހިފައިވަނީ ޖުމުލަ ހަތަރު މީހުންގެ ޓީމެކެވެ. އޭގެ ތެރެއިން ދެ މީހަކު މިއަދު ރާއްޖެ އައިސްފައިވާ އިރު، އަނެއް ދެ މީހުން މާދަމާ ރާއްޖެ އަންނާނެ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި މަސައްކަތްކުރައްވަމުން އަންނަ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) "ވަން ސްޕޯޓްސް"އަށް ވިދާޅުވެފައިވެއެވެ.
އެފްއޭއެމްގެ ހާލަތު ގޯހުން ގޯހަށް ގޮސް، އެ އިދާރާގެ އިދާރީ ހިންގުން ހުއްޓި، ފުޓުބޯޅަވެސް ހުއްޓުމާއެކު ފީފާއިން ވަނީ އިދާރާގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އެ ކޮމިޓީގެ ޗެއާމަންކަން ކުރައްވަމުން ގެންދަވަނީ އަހުމަދު ޒުހޫރެވެ. ދާދިފަހުން ޒުހޫރު މީޑިއާއާވެސް ބައްދަލުކުރައްވާފައިވާ އިރު، އޭނާ ވިދާޅުވެފައިވަނީ އެފްއޭއެމްގެ ހުރިހާ ކަމެއް އޮތީ ފެއިލްވެފައި ކަމަށާއި އެ އިދާރާ އަލުން ނަގައި ކޮޅަށް ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
ހާއްސަކޮށް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭނާގެ ޓީމުން އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކޮށް މިހާރުވެސް ފުލުހުން ތަހުގީގުކުރަމުންދާ އިރު، ފައިސާގެ މައްސަލަ އެފްއޭއެމްއަށް އޮތީ ބޮޑުވެފައެވެ.
އެންމެފަހުން ބޭއްވި ޕްރެސްގައި ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރަކީ އެއް އަހަރުތެރޭ އެފްއޭއެމް ހަމަމަގަށް އަޅުވައިދިނުން ކަމަށާއި ފީފާ އިން ފިޔަވަޅު އަޅައި، އެފްއޭއެމް އުނދަގޫ ހާލަތަކަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެފްއޭއެމްގައި ލިޔެކިޔުންތައް ނެތުމުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިިއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް