ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިނުން ސްވިޒަލޭންޑް ބަލި ކުރި އިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއިން ސްކޮޓްލޭންޑް ބަލިކޮށްފިއެވެ.

ނޭޝަންސް ލީގުގެ، އޭ ލީގު އެއްވަނަ ގްރޫޕުގައި ޕޯޗުގަލްއިން ރޭ އަމިއްލަ ދަނޑުގައި ސްކޮޓްލޭންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ޕޯޗުގަލްއިން މޮޅުވި ގޯލު ޖެހީ މެޗުގެ ފަހުކޮޅުގައެވެ. އެ ގޯލު ޖެހީ ދުނިޔޭ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ އަލް-ނަސްރުގެ ފޯވަޑް ރޮނާލްޑޯއެވެ. އެއީ އޭނާގެ ކެރިއަރުގައި ޖެހި ރެކޯޑު 901 ވަނަ ގޯލެވެ.

ރޭގެ މެޗުގައި ގިނަ ބަޔަކު ގަބޫލުކުރި ގޮތާ ހިލާފަށް ފުރަތަމަ ލީޑު ނެގީ ސްޓީވް ކްލާކްގެ ސްކޮޓްލޭންޑުންނެވެ. އެޓީމުން ހަތްވަނަ މިނެޓުގައި ގޯލު ޖެހީ ސްކޮޓް މެކްޓޮމިނޭ ބޮލުން ފޮނުވާލި ބޯޅައަކުންނެވެ. އެ ގޯލާ އެކު ސްކޮޓްލެންޑުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގައި ދެން ފެނުނީ ޕޯޗުގަލްގެ ނުރައްކަލެވެ. އެޓީމަށް މެޗު އެއްވަރު ނުކުރެވުނު ނަމަވެސް، ހާފު ނިމުމުގެ ކުރިން 16 ހަމަލާއެއް ޕޯޗުގަލްއިން ފޮނުވާލާފައިވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޕޯޗުގަލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު އަންގުސް ގުން އަތުން ހެދުނު ގޯހަކުންނެވެ. އެ ގޯލަކީ ބްރޫނޯ ފެނާންޑޭޒް ދުރުން ފޮނުވާލި ބޯޅައަކުން ޕޯޗުގަލްއިން ކާމިޔާބުކުރި ގޯލެކެވެ.

މެޗުން ޕޯޗުގަލް މޮޅުވި ގޯލު، 88 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހީ ދެވަނަ ހާފަށް ބެންޗުން ނުކުމެއެވެ. ގޯލު ޖެހުމުގެ ކުރިން ފޮނުވާލި ދެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވި އިރު، ރޮނާލްޑޯގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ނޫނީ މެންޑޭޒްގެ ހިތްގައިމު ހުރަހަކުންނެވެ.

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނުން ލީގު އޭގެ ހަތަރުވަނަ ގްރޫޕްގައި ރޭ ސްވިޒަލޭންޑް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ސްޕެއިނުން ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގީ ލެމީން ޔަމާލްގެ ހުރަހަކުން ޖޮސެލޫ ޖެހި ގޯލުންނެވެ. އޭގެފަހުން ފަބިއަން ރުއިޒް ޖެހި ގޯލުން ސްޕެއިން ލީޑު ފުޅާކުރި އިރު، އެޓީމަށް މެޗު އުނދަގޫވީ 20 ވަނަ މިނެޓުގައި ރޮބިން ލެ ނޯމަންޑަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެ ރަތް ކާޑާއެކު މެޗުގެ ހާފު ނިމުމުގެ ކުރިން ޒެކީ އަމްދޫނީ ޖެހި ގޯލުން ސްވިޒަލޭންޑުން އުންމީދެއް ހޯދި ނަމަވެސް، ސްޕެއިނުން ދެވަނަ ހާފުވެސް ކޮންޓްރޯލް ކުރިއެވެ.

ފެރާން ޓޮރެސްގެ ހުރަހަކުން ރުއިޒް ސްޕެއިނަށް އިތުރު ގޯލެއް ޖެހި އިރު، އެންމެފަހު ގޯލު ޖެހީ ޓޮރެސްއެވެ. އޭނާ އޭރިއާ ތެރެއިން ނިންމާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.