ފުޓުބޯޅައިގަ ދޭ އެންމެ ޝަރަފުވެރި އެވޯޑު، ބެލޮންޑިއޯ 2024 އަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް ރޭ އިއުލާނު ކޮށްފިއެވެ.

ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑެވެ. އެ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ.

ނަވާރަ ސަތޭކަ ފަންސާސް ހަވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނީ ހަމައެކަނި ނޫސްވެރިން ނަމަވެސް، 2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ބެލޮންޑިއޯއަށް ވޯޓު ދެވޭ ގޮތަށް ބަދަލު ކުރިއެވެ. އެހެން ނަމަވެސް މިފަހަރު ވޯޓް ދޭނީ ފީފާ ރޭންކިންގެ ގަދަ 100 ގައި ހިމެނޭ ގައުމުތަކުގެ ނޫސްވެރިންނެވެ. 2007 ވަނަ އަހަރު ކުރިން ބެލޮންޑިއޯއަކީ ހަމައެކަނި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ހޮވާ އެވޯޑެއް ނަމަވެސް އެ އަހަރަށްފަހު ދުނިޔޭގެ ހުރިހާ ކުޅުންތެރިން ވާދަކުރާ އެވޯޑަކަށް ބެލޮންޑިއޯ ބަދަލު ކުރިއެވެ.

ރޭ ބެލޮންޑިއޯއަށް ވާދަކުރާ 30 ފިރިހެން ކުޅުންތެރިންގެ އިތުރުން އަންހެން ކުޅުންތެރިންނާއި ލެވް ޔެޝިން ޓްރޮފީއަށް ވާދަކުރާ ގޯލްކީޕަރުން އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު، ކޮޕާ ޓްރޮފީއަށް ވާދަކުރާ ކުޅުންތެރިންގެ އިތުރުން އެންމެ މޮޮޅު ކޯޗު ކަމަށް ވާދަކުރާ ކޯޗުންވެސް ވަނީ އިއުލާނު ކޮށްފައެވެ.

ރޭ އިއުލާނުކުރި ބެލޮންޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގައި މިދިޔަ އަހަރު ރެކޯޑު އަށްވަނަ ފަހަރަށް އެވޯޑު ހޯދި ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ވެސް ހިމެނިފައެއް ނުވެއެވެ. މިއީ 2003 ވަނަ އަހަރު ފަހުން، އޭގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު ނެތި ބެލޮންޑިއޯ ލިސްޓް އިއުލާނު ކުރި ފުރަތަމަ ފަހަރެވެ. އުމުރުން 37 އަހަރުގެ މެސީ މިހާރު އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ކުޅެމުންދާ އިރު، އުމުރުން 39 އަހަރުގެ ރޮނާލްޑޯ ކުޅެމުން ދަނީ ސައުދީ އަރަބިއާގެ އަލް ނަސްރަށެވެ.

މީގެ ކުރިން ބެލޮންޑިއޯ ހާސިލްކޮށްފައިވާ ކުޅުންތެރިންގެ ތެރެއިން ރިޓަޔާނުވެ ކުޅުމުންދާ އިތުރު ކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗްގެ އިތުރުން ސައުދީގެ އަލް އިއްތިހާދަށް ކުޅެމުންދާ ކަރިމް ބެންޒެމާއެވެ. އެ ކުޅުންތެރިންވެސް މިފަހަރު ނޮމިނޭޓް ވެފައެއް ނުވެއެވެ.

  • ޖޫޑް ބެލިންހަމް/ އިންގްލެންޑް
  • ރުބެން ޑިއާސް/ ޕޯޗުގަލް
  • ފިލް ފޮޑެން/ އިންގްލެންޑް
  • ފެޑެރީކޯ ވަލްވާޑޭ/ އުރުގުއާއީ
  • އެމިލިއާނޯ މާޓިނޭޒް/ އާޖެންޓީނާ
  • އާލިން ބްރައުޓް ހާލަންޑް/ ނޯވޭ
  • ނިކޯ ވިލިއަމްސް/ ސްޕެއިން
  • ގްރަނިޓް ޒަކާ/ ސްވިޒަލޭންޑް
  • އާޓެމް ޑޮވްބީކް/ ޔުކްރެއިން
  • ޓޯނީ ކްރޫސް/ ޖަރުމަނު
  • ވިނީޝިއަސް ޖޫނިއާ/ ބްރެޒިލް
  • ޑެނީ އޮލްމޯ/ ސްޕެއިން
  • ފްލޯރިއަން ވިރްޓްޒް/ ޖަރުމަނު
  • މާޓިން އޮޑެގާޑް/ ނޯވޭ
  • މެޓްސް ހުމެލްސް/ ޖަރުމަނު
  • ރޮޑްރީ/ ސްޕެއިން
  • ހެރީ ކޭން/ އިންގްލެންޑް
  • ޑެކްލަން ރައިސް/ އިންގްލެންޑް
  • ވިޓީނިއާ/ ޕީއެސްޖީ
  • ކޯލް ޕާމާ/ އިންގްލެންޑް
  • ޑެނީ ކަވަހާލް/ ސްޕެއިން
  • ލެމީން ޔަމާލް/ ސްޕެއިން
  • ބުކަޔޯ ސަކާ/ އާސެނަލް
  • ހަކާން ޗަލަނޮގްލޫ/ ތުރުކީ
  • ވިލިއަމް ސަލީބާ/ އާސެނަލް
  • ކިލިއަން އެމްބާޕޭ/ ފްރާންސް
  • ލައުޓާރޯ މާޓިނޭޒް/ އާޖެންޓީނާ
  • އަޑެމޯލާ ލުކްމަން/ ނައިޖީރިއާ
  • އެންޓޯނިއާ ރުޑިގާ/ ޖަރުމަނު
  • އަލެހާންޑްރޯ ގްރިމާލްޑޯ/ ސްޕެއިން

އަންހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ލިސްޓްގައި ޗެލްސީގެ ލޮރެން ޖޭމްސް އާއި ސްޕެއިން އަދި ބާސެލޯނާގެ އައިޓާނާ ބޮންމަޓީ އަދި ސިޓީގެ ލޮރެން ހެމްޕް ފާހަގަކޮށްލެވެއެވެ. ސިޓީ އާއި ރެއާލް މެޑްރިޑްގެ އިތުރުން ބަޔާން ލެވަކޫސަން އާއި ޖިރޯނާ އަދި ބްރޫޝިއާ ޑޯޓްމުންޑް އެންމެ މޮޅު ކްލަބަށް ވާދަ ކުރާ އިރު، އެންމެ މޮޅު ކޯޗުންނަށް ޕެޕް ގާޑިއޯލާ އާއި ސްޕެއިނަށް ޔުރޯ ހޯދައިދިން ލުއިސް ޑެ ލަ ފުއެންޓޭ އަދި އާޖެންޓީނާގެ ލިއޮނެލް ސްކަލޫނީ އާއި ޒަބީ އެލޯންސޯ އަދި ކާލޯ އެންޗެލޮޓީ ފާހަގަކުރެވެއެވެ.

މިއަހަރުގެ ބެލޮންޑިއޯ ހަފުލާ އޮންނާނީ އޮކްޓޯބަރު 28 ވަނަ ދުވަހުގެ ރޭ ފްރާންސްގެ ޕެރިހުގައެވެ.