ދުނިޔޭގެ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑު ބެލޮންޑިއޯއަށް ވޯޓު ދިނުމުގައި ގޯލްކީޕަރުންގެ މަސައްކަތަށް އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލޭ ކަމަށް ބެލްޖިއަމްގެ ރެއާލް މެޑްރިޑް ކީޕަރު ތިބޯ ކޯޓުއާ ބުނެފިއެވެ.

ކޯޓުއާއަކީ މިފަހަކަށް އައިސް ފެނުނު އެންމެ މޮޅު ކީޕަރެވެ. އެހެން ނަމަވެސް އޭނާއަށްވެސް ބެލޮންޑިއޯ ރޭންކިންގައި ރަނގަޅު ހިސާބެއްގައި ނިންމާލަން ފުރުސަތު ލިބިފައެއް ނުވެއެވެ. 1963 ވަނަ އަހަރު ސޯވިއެޓް ޔޫނިއަންގެ ގޯލްކީޕަރު ލެވް ޔަޝިން ބެލޮންޑިއޯ ހޯދި ނަމަވެސް، އެވޯޑުގެ 70 އަހަރު ތާރީހުގައި އޭނާއަކީ އެ ޝަރަފު ހޯދި ހަމައެކަނި ކީޕަރެވެ.

ޔަޝިންއަށް ފަހު ބެލޮންޑިއޯ ރޭންކިންގެ ގަދަ ތިނެއްގައި ހިމެނުނު ކީޕަރުންނަކީ ޖަރުމަނުގެ މެނުއަލް ނޯޔާއާއި އިޓަލީގެ ޖިއާންލުއީޖީ ބުފޮން އަދި ޑީނޯ ޒޮފްގެ އިތުރުން ޗެކް ރިޕަބްލިކްގެ އީވޯ ވިކްޓޯ އަދި ޖަރުމަނުގެ އޮލިވާ ހާންއެވެ. އެންމެފަހުން ގަދަ ތިނެއްގައި ހިމެނުނު ކީޕަރަކީ ނޯޔާއެވެ. އެއީ 2014 ވަނަ އަހަރުއެވެ.

ބެލޮންޑިއޯ ހަފުލާގައި މިހާރު އެންމެ މޮޅު ކީޕަރަށް ލެވް ޔަޝިން ޓްރޮފީ ދޭ އިރު، ކޯޓުއާ ވަނީ 2022 ވަނަ އަހަރު އެ މަގާމު ހޯދައިފައެވެ. އެހެން ނަމަވެސް އޭނާ ބެލޮންޑިއޯ ރޭންކިންގައި ހިމެނުނީ ހަތް ވަނައިގައެވެ. އެފަހަރު ބެލޮންޑިއޯ ހޯދީ ކަރިމް ބެންޒެމާއެވެ.

"އަހަންނަށް ހީވަނީ 2022 އަކީ އަހަރެންގެ އަހަރުހެން. އުންމީދުކުރީ ހަތްވަނައަށްވުރެ ކުރީގައި އޮންނާނެ ކަމަށް. އެކަމަކު ކަރިމް ބެންޒެމާއަށް އެވޯޑު ހައްގު. އެވޯޑު ހައްގު ނޫނަސް، އަހަރެން އެއަށްވުރެ ކުރީގައި ރޭންކް ކުރެވެން ޖެހޭނެ،" ކޯޓުއާ ބުންޏެވެ.

ކޯޓުއާ ބުނީ މިހާރު ނޫސްވެރިން ވޯޓުލާއިރު ގޯލްކީޕަރުންނަށް ޔަޝިން ޓްރޮފީ ދޭތީ، ބެލޮންޑިއޯއަށް ކީޕަރުންނަށް ބަލާ މިންވަރު ކުޑަވެއްޖެ ކަމަށެވެ. އަދި ރެއާލް ކަހަލަ ކްލަބުތަކުގައި ވިނީޝިއަސް ޖޫނިއާ، ޖޫޑް ބެލިންހަމް އަދި ކިލިއަން އެމްބާޕޭ ފަދަ ކުޅުންތެރިންނާއެކު ކުޅޭއިރު އޭނާގެ މަސައްކަތް އެއްވެސް މީހެއްގެ ލޮލުގައި އަޅައި ނުގަންނާނެ ކަމަށްވެސް ކޯޓުއާ ބުންޏެވެ.

ކޯޓުއާ ބުނީ ރެއާލްގެ މެޗެއްގައިވެސް އޭނާ ތަފާތު މޮޅަށް ކުޅެމުން ގޮސް، އެންމެ ފަހުވަގުތު އެމްބާޕޭ ގޯލެއް ޖަހައިފިނަމަ، ހުރިހާ ސަމާލުކަމެއް ހުއްޓޭނީ އެމްބާޕޭއަށް ކަމަށެވެ.

މިހާރަކަށް އައިސް ބެލޮންޑިއޯ ލިބެނީ އެޓޭކިން ނޫނީ މިޑްފީލްޑް ކުޅުންތެރިންނަށެވެ. 2006 ވަނަ އަހަރު ފަބިއޯ ކަނަވާރޯ ބެލޮންޑިއޯ ހޯދިފަހުން ދިން 19 ބެލޮންޑިއޯގެ ތެރެއިން 17 ބެލޮންޑިއޯއަށް ލިބުނީ އެޓޭކިން ކުޅުންތެރިންނަށެވެ.