ދުނިޔޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑު، ފްރާންސް ފުޓުބޯޅައިގެ ބެލޮންޑިއޯ އެވޯޑު 2026 އިންގްލެންޑްގެ ތަރި ހެރީ ކޭން ހޯދައިފިއެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ. އެހެން ނަމަވެސް އަދިވެސް ބެލޮންޑިއޯގެ ހައިބަތަށް ބަދަލެއް ނާންނަކަމަށް ތަޖުރިބާކާރުންގެ ނަޒަރުގައި ބުނެވިދާނެއެވެ. މިވަގުތު ވެސް ފީފާގެ އެވޯޑަށްވުރެ މަގުބޫލީ ބެލޮންޑިއޯއެވެ.
މިފަހަރުގެ ބެލޮންޑިއޯ އެވޯޑު ހަފުލާ ލަންޑަނުގައި ބާއްވާފައިވާ އިރު، އެވޯޑު ދީފައި ވަނީ ފީފާ ރޭންކިންގެ އެންމެ ވަރުގަދަ 100 ގައުމުގެ ނޫސްވެރިންގެ މެދުގައި ވޯޓު ލައިގެންނެވެ. މިއީ ބެލޮންޑިއޯ ދޭ 70 ވަނަ ފަހަރެވެ. މިދިޔަ ސީޒަނަށް ބަލައި ދިން އެވޯޑުގައިވެސް ނޫސްވެރިން ބަލާފައި ވަނީ އިންޑިވިޖުއަލް ކުޅުމާއި ހޯދި ކާމިޔާބީތަކުގެ އިތުރުން ފެއާ ޕްލޭއަށެވެ.
އިންގްލެންޑާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެގައުމުގެ ކެޕްޓަން ކޭންއަކީ މިދިޔަ ސީޒަނުގެ ޔޫރަޕްގެ ޓޮޕް ސްކޯރާއެވެ. އޭނާ ވަނީ 61 ގޯލް މިދިޔަ ސީޒަނުގައި ޖަހައި، ހަތް އެސިސްޓް ފުރިހަމަކޮށްފައެވެ. އެއީ 51 މެޗުންނެވެ. ކޭން ބަޔާންއާއެކު ޑޮމެސްޓިކް ހުރިހާ ތަށްޓެއް ހޯދައި، ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ކުޅުނެވެ.
ޖަރުމަނު ލީގުގައި އޭނާ 31 މެޗުން 36 ގޯލް ޖަހާފައިވެއެވެ. އަދި ޗެމްޕިއަންސް ލީގުގައި 13 މެޗުން 14 ގޯލް ޖަހައި، އިންގްލެންޑަށް މިދިޔަ ސީޒަނުގައި 12 ގޯލް ޖަހައިދިނެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕްގައި ޖެހި ހަ ގޯލް ހިމެނެއެވެ.
މިރޭގެ ބެލޮންޑިއޯ އިވެންޓްގައި އިތުރު އެވޯޑުތައް ދީފައިވާ އިރު، އަންހެން ބެލޮންޑިއޯ ލިބުނީ ކުރިންވެސް އެ އެވޯޑު އެލީޒިއާ ޕުޓެޔާސްއަށެވެ. އެންމެ މޮޅު ފިރިހެން ޒުވާން ކުޅުންތެރިޔަކީ އަނެއްކާވެސް ޔަމާލެވެ. އަދި އެންމެ މޮޅު ޒުވާން އަންހެން ތަރިއަކީ ވިކީ ލޮޕޭޒްއެވެ. އެންމެ މޮޅު ކީޕަރުންނަށް ހޮވުނީ ސްޕެއިނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އުނައި ސިމޮންގެ އިތުރުން ކަޓާ ކޯލްއަށެވެ. އެންމެ މޮޅު ކޯޗުންނަކީ ސްޕެއިނަށް ވޯލްޑް ކަޕް ހޯދައިދިން ލުއިސް ޑެ ލަ ފުއެންޓޭއާއި ޕެރޭ ރޮމޭއޫއެވެ.
މިއަހަރުގެ ސޮކްރަޓެސް އެވޯޑު ލިބުނީ ބުކަޔޯ ސަކާއަށެވެ. އެއީ އޭނާ އިންސާނިއްޔަތަށް ކޮށްދީފައިވާ ހާއްސަ މަސައްކަތަކަށެވެ.
އެންމެ މޮޅު ކްލަބުތަކަކީ ބާސެލޯނާގެ އަންހެން ޓީމާއި ޕީއެސްޖީގެ ފިރިހެން ޓީމެވެ. އަދި އެންމެ މޮޅު ފޯވަޑަށް ދޭ ގާޑް މުލާ އެވޯޑު ލިބުނީ ކޭންގެ އިތުރުން މެކްސިކޯގެ އަންހެން ތަރި ޗާލީން ކޮރަލްއަށެވެ.
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ކޮމެންޓް